މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވޯޓު ލައްވައިފިއެވެ. ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ.
ނަޝީދުވެސް ރިޔާސީ ޕްރައިމަރީގައި ވޯޓު ލައްވާފައިވާއިރު، ރައީސް ސާލިހުވެސް ވަނީ މެންދުރު ވުމުގެ ކުރިން ވޯޓު ލައްވާފައެވެ. އެމަނިކްފާނު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބެހެއްޓިފައިވާ، އުފަން ރަށް ކަމުގައިވާ ޅ. ހިންނަވަރު ވޯޓު ފޮއްޓަށެވެ.
އިއްޔެ ހަވީރު ޕާޓީގެ ދެ ފެކްޝަނުންވެސް ފޯރިގަދަ ކެމްޕޭން ނިންމާލާފައިވާއިރު، ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ޞާލިހުވެސް ރައީސް ނަޝީދުވެސް ވިދާޅުވަމުންދަވާފައިވަނީ މިއިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރްއްވަނެ ކަމުގައެވެ.
އެމްޑީޕީން ބުނެފައިވަނީ މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 200އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓިފައި ވާކަމުގައެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާފައި ވާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މި އިންތިޚާބުގައި މޮނީޓަރުންގެ މީޑިއާތަކުންވެސް ހަރަކާތްތެރި ވާނެއެވެ. މިގޮތުން ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 މީހަކަށް ކަމަށް އެމްޑޕީން ވަނީ ބުނެފައެވެ.
މިއިންތިޚާބުގައި ވޯޓުލާ އެމްޑީޕީގެ ވޯޓާސް ހިމެނެނީ އެޕާޓީގެ 57،257 މެމްބަރުންނެވެ.