ފާއިތުވެދިޔަ 2022 ވަނަ އަަހަރުގެ އޮކްޓޯބަރުމަހު ބޮޑުގިރިއަށް އެރި AM AAGAM ނަމަކަށް ކިޔާ ބާޖު، އީޕީއޭއިން 31 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އީޕިއޭއިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 31,435,400/- (ތިރީސް އެކެއް މިލިއަން ހަތަރުލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ ޖޫރިމަނާކުރެވިފައި ވާކަމުގައެވެ.
އަދި، ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް އެ ފަރާތަށް މިމަހުގެ 24 ވަނަ ދުވަހު އަންގާފައިވާކަމަށްވެސް އީޕީއޭއިން ބުނެފައި ވެއެވެ.
އީޕީޕީއޭއިން ބުނެފައިވަނީ މި ބާޖު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީއިން އެ އުޅަނދުގެ ވެރިފަރާތުގެ ސަރވެޔަރުންނާއެކު 20 ނޮވެންބަރު 2022 ގައި އެ ސަރަޙައްދަށް ގޮސް ޖޮއިންޓް-ސަރވޭއެއް ކޮށްފައިވާ ކަމުގައެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 1،248 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަ ކުރެވިފައިވާކަމަށްވެސް ބުނެފައި ވެއެވެ.
އީޕީއޭއިން ބުނެފައިވަނީ މިއީ މި ބާޖު ފަރަށް އަރައިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާ ކުރެވޭ ތިންވަނަ މައްސަލަ ކަމުގައެވެ.
އީޕީއޭއިންވަނީ AM AAGAM ނަމަކަށް ކިޔާ ބާޖާއި AM ALPIT ނަމަކަށް ކިޔާ ޓަގެއް 23 ޖުލައި 2022 ވަނަ ދުވަހު ކ. ވާވެއްދިފަރަށް އަރާ އެފަރަށް ލިބިނު ގެއްލުމުގެ ބަދަލުގައި ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ ނަމަކަށް ކިޔާ ކުންފުންޏެއްވެސް މިހަފްތާގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
ރާއްޖޭގައި ޢަމަލުކުރަމުންދާ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގައިވާގޮތުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެމަލެއް ކުރި ފަރާތެއް ބޮޑު އަދަކުން ޖުރިމަނާ ކުރެވެއެވެ. އަދި ޝަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިޚްތިޔާރުވެސް ދިވެހި ސަރުކާރަށް އެގާނޫނުގެ ދަށުން ލިބިގެންވެއެވެ.
މީގެ ކުރިންވެސް ހިނގާފައިވާ މިފަދަ ބައެއް ހާދިސާތަކުގައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.