އިންޓަނެޓް އަގު ހެޔޮކުރުން މަލިކު ލަވަޔަށް؟!

އިންޓަނެޓް އަގު ހެޔޮކުރުން މަލިކު ލަވަޔަށް؟!

ގުޅުންހުރި

އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ފެން ފަދަ، ޒުވާން ޖީލެއް އޮތް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތުގެ އަގު މަތިކަމުގެ ވާހަކަ ދައްކަނީ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް މި ފަހަކުން މި އަޑު މާ ގަދަވެގެން ދިޔައީ މިދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ 2 ރިޔާސީ ކެނޑިޑޭޓުންގެ ވަޢުދު ތަކުގެ ތެރޭގައިވެސް މިކަން ހިމެނުނު ހިސާބުންނެވެ.

އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޔާސީ ކެމްޕޭންގައި ވިދާޅުވަމުން ގެންދެވީ އިންޓަނެޓް އަގު ހެޔޮ ކޮށްދެއްވުމަށް އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ އަގު 30 އިންސައްތަ ހެޔޮ ކޮށްދެއްވާނެކަމަށެވެ. ހަމަ މި މޭރުމުން އޭރުގެ އިދިކޮޅު ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވަމުން ގެންދެވީ އިންޓަނެޓްގެ އަގު ހެޔޮ ކޮށްދެއްވާނެ ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރައީސް ޞާލިޙްގެ ސަރުކާރު ފެށުނީވެސް މިފަދަ ކަންކަމަށް ހާއްސަކޮށް އައު ވުޒާރާ އަކާއިވެސް އެކުގައި ކަމެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެނަމުގައި ރާއްޖޭގައި މިދާއިރާއިން ފުރަތަމަ އުފެއްދި ވުޒާރާއާ އެކު ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބީ މި ދާއިރާ ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އަގުތަކަށްވެސް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން އުންމީދު ކުރި ގޮތާއި ޚިލާފަށް ކޮމިއުނިކޭޝަނާއި ޓެކްނޮލޮޖީ ގެ ދާއިރާއިން އެދެވޭ މަސައްކަތެއް ނުފެނި މިދާއިރާއިން ކުރެވުނު ހަމައެކަނި ކަމަކީ " ހެޑްލައިން ހެދުން" ކަމަށް ގިނަ ބަޔަކު މިހާރު ގެންދަނީ ބުނަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިނިސްޓަރ މަލީޙް ރަސްމިއްޔާތެއްގައި – ފޮޓޯ: ރައީސް އޮފީސް

މިފަހަރު އަޅުގަނޑު މި ބަލާލަނީ އިންޓަނެޓްގެ އަގު ހެޔޮކުރުމާގުޅޭ ހެޑްލައިންގެ ޓައިމް ލައިނަކަށެވެ.

1 – 2018 ޑިސެމްބަރު 08
2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ސަން އޮންލައިންގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލާއި ހަވާލާދީ ޖަހާފައިވާ ހަބަރުގެ ހެޑްލައިން ގައި އޮތީ " ރާއްޖޭގައި ދެމުން ގެންދާ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާ ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވެއްޖެ" މިހެންނެވެ. ވެރިކަމާއި ހަވާލުވީތާ މަސްދުވަސް ނުވަނީސް މި ދެއްވީ ހާދަ އުފާވެރި ޚަބަރެއް ނޫންތޯއެވެ؟

2 – 2019 ޖެނުއަރީ 31
2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ31 ވަނަ ދުވަހު މިހާރު ނޫހުގައި ހަމަ މިނިސްޓަރ ވިދާޅުވި ކަމަށް ޖަހާފައި ވާ ޚަބަރުގައި ވަނީ " ރާއްޖޭގައި އިންޓަނެޓުގެ އަގު ބޮޑު، އަގު ހެޔޮވާން ޖެހޭ: މަލީހް" މިހެންނެވެ. އަންމު ރައްޔިތުން މިހާ ދުވަސް ވީއިރު ކިޔަމުން އައި އެއްޗެއް މިނިސްޓަރަށް އަދި ކިރިޔާ ރޭކާލީ ބާވައެވެ. މުޅި އަކުން އެހެންނެ ނޫނެވެ. މިނިސްޓަރ މިހެން މި ވިދާޅުވީ ދުނިޔޭގެ 26 ގައުމެއްގެ އިންޓަނެޓުގެ ޚިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރުމަށް ފަހުއެވެ. ރަނގަޅު ތާއެވެ. އެންމެފަހުން ރައްޔިތުންގެ މި ކަންބޮޑުވުމާ ގުޅޭ ދިރާސާއެއްވެސް ކުރެވުނީއެވެ.

3 – 2019 ފެބުރުއަރީ 05
މި ތާރީހުގައި މިހާރު އޮންލައިން ނޫހުގައި އަނެއްކާވެސް މިއޮތީ އުފާވެރި ހެޑްލައިނެކެވެ. " ރާއްޖޭގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށާއި އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުނިތައް ތިބީ ހެޔޮ ބަދަލެއް ގެންނަން ބޭނުންވެފައި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ" ކަމަށް ބުނުމުން ޔަގީނުންވެސް މި ބޮޑު މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯއްދަވައި ދެއްވުމަށް ކަމާގުޅޭ އިދާރާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާކަން މިއޮތީ އެނގިފައެވެ.

4 – 2019 މަރޗް 21
2019 ވަނަ އަހަރު މަރޗް މަހުގެ އެކާވީސް ވަނަ ދުވަހު ސަން އޮންލައިންގައި އަނެއްކާވެސް ހެޑްލައިނެއް އެބަ އޮތެވެ. "ރާއްޖޭގައި އިންޓަނެޓް އަގުހެޔޮކުރާނީ އެ ހިދުމަތްދޭ ފަރާތްތަކާއި އަދި ކަސްޓަމަރުންނަށް ވެސް ފައިދާވާ ގޮތަށް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ" ކަމަށް ވިދާޅުވުމުން ވެސް ރައްޔިތުން ބުނަމުން ގެންދަނީ ވަރި ހަމަ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އަތްފޯރާ އަގެއްގައި ރަނގަޅު ހިދުމަތެއް ވިއްޔާއެވެ.

5 – 2019 އޭޕްރިލް 15
ވަގުތު ނޫހުގައި މި ތާރީހުގައި މިއޮތީ އުފާވެރި ޚަބަރެކެވެ. "އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ދަނީ މަސައްކަތް ކުރަމުން – ދިރާގު" މި ހެޑްލައިހުން ޔަގީނުންވެސް އުންމީދު ތަކެއް އާވެއްޖެ އެވެ.

ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގުގެ ހަފްލާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ރައީސް އޮފީސް

6 – 2019 މެއި 17
"އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި މުސްތަގުބަލްގައި ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ" މިއީ މިހާރު ނޫހުގެ ހެޑްލައިނެކެވެ. ސަރުކާރުން އަމާޒު ހިފައިގެން ހުންގާނުގައި ޗޭނުޖަހާ ބަނދެގެން ވިޔަން އަމާޒަށް ވާސިލު ވެއްޖެއްޔާ ރައްޔިތުން ތިބޭނީ އުފަލުންނެވެ.

7 – 2019 މެއި 19
މިހާރު ނޫހުގެ ކުރީގެ ހެޑްލައިނަށް 2 ދުވަސްވީ އަނެއް ކާވެސް އެނޫހުގައި އައު ހެޑްލައިނެއް އައިސްފިއެވެ. ރައްޔިތުން ކަންބޮޑުވާ ކަހަލަ ނަމަވެސް އުންމީދީ ހެޑްލައިނެކެވެ. "އިންޓަނެޓް އަގު ހެޔޮކުރަން އިތުރު ކުންފުނިތަކަށް ޖާގަ ދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް މަލީހް ދެއްވައިފި" މިއެވެ. މިހާރު ހިދުމަތް ދެމުންދާ ކުންފުނިތަކާއެކު ފެށި ކަމަށް ވިދާޅުވި މަޝްވަރާތަކުން ކުރިއެރުމެއް ނުފެނުނީ ބާވައެވެ؟ ރައްޔިތުންނަށް ލުޔެއްދޭން ބޭނުން ނުވާ ކުންފުނި ތަކެއް ރައްޔިތުން "ފެލުމަށް" ބައިތިއްބަނީ ކީއްވެ ބާވައެވެ؟ މިއީ ހަމަ މިހާހިސާބުން ހިތަށް އައި ސުވާލެކެވެ.

8 – 2019 އޯގަސްޓް 07
ދެން މިއޮތީ ވަގުތު ނޫހުގައި ރައީސްގެ ބަސްފުޅެއް ކަމަށް ބުނެ އޮތް ހެޑްލައިނެކެވެ. "އިންޓަރނެޓްގެ އަގުތައް، އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި ދާން ބޭނުންވާ، ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ" މިއެވެ. އާދޭހެވެ ތިރިކޮށްގެން ނޫނީ ވާކަށް ނެތެވެ. އެންމެ ވެސް ގަބޫލު ކުރާ ކަމަކީ އެއީއެވެ.

9 – 2019 އޯގަސްޓް 23
މި ތާރީހުގައި އޮންލައިން ނޫސް ވަގުތުގައި އޮތް ހެޑްލައިނަކީ "އިންޓަނެޓް އަގުހެޔޮ ކުރުމުގެ މަޝްވަރާ ނިމުނުތާ ދެ މަސް ވެއްޖެކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ" މިއެވެ. އަދި އަދަށް ދާންދެންވެސް ނުކުއިތް ނަތީޖާ ފެނުނު މީހަކު މި އުޑު ބަޅު ކުރެއްވި ހިސާބުގައި ނެތެވެ.

10 – 2019 އޯގަސްޓް 25
މި ތާރީހުގައި މިހާރު ނޫހުގައި މިއޮތީ މީހަކުން އުފަލުން ފޮޅޭ ވަރުގެ ހެޑްލައިނެކެވެ. "އިންޓަނެޓްގެ އަގު ހެޔޮވުމުގެ އުފާވެރި ޚަބަރުގެ ވަގުތު ކައިރިވެއްޖެ ކަމަށް ވިދާޅުވެ އެކަމާ ގުޅޭ ޝަކުވާތަކަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ޖަވާބު ދެއްވައިފި" ކަމަށެވެ. އަލްޙަމްދުލިއްﷲ، އުފާވެރި ޚަބަރުގެ ވަގުތު ގާތް ވީއެވެ.

11 – 2019 އޮކްޓޯބަރު 01
ވަގުތު ނޫހުގައި މި ތާރީހުގައި އަނެއްކާވެސް މިއޮތީ ހެޑްލައިނެކެވެ. އައު ވާހަކައެއް ނޫނެވެ. "ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކުގެ އަގު ހެޔޮކޮށް، ރައްޔިތުންނަށް ޒަމާނީ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ" މިއެވެ. ބަލަ މިއީ ކެމްޕޭން ދުވަސްވަރުން ފެށިގެންވެސް ދައްކަވާ ވާހަކަ އެއް ނޫންތޯއެވެ.

12 – 2019 އޮކްޓޯބަރު 03
މިއީ ބޮޑު ދުވަހެކެވެ. 2 އޮންލައިނެއްގައި 3 ހެޑްލައިނެއް އޮތް ދުވަހެކެވެ. ފުރަތަމަ ވަގުތު ނޫހުގައި އޮތީ "އިންޓަނެޓުގެ އަގުހެޔޮ ކުރާނީ 2021ވަނަ އަހަރު" މިއީ އޯގަސްޓު 25 ވަނަ ދުވަހު ދޭންބުނި އުފާވެ ޚަބަރު ބާވައެވެ؟ ޔަގީނުންވެސް އާންމު ރައްޔިތުންނަށް އުފާވެރި ޚަބަރެއް ނޫނެވެ.

ހަމަ މިދުވަހު ސަން އޮންލައިންގައި އޮތް 2 ހެޑްލައިން އަކީ " އިންޓަނެޓް އަގުހެޔޮ ކުރުމުގެ ބާރު އޮތީ ރައީސް އޮފީހުގައި: މަލީހް" އަދި " ސަރުކާރުން އެކުލަވާލި ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި އިންޓަނެޓް އަގު ހެޔޮ ކުރުމުގެ އެއްވެސް ކަމެއް ނެތް ކަން ހާމަ ވެއްޖެ" މިއެވެ. އާންމުކޮށް ގެންގުޅޭ ބޮލަށްކަނޑާލުމުގެ ސިޔާސަތާއި ޒިންމާއިން ރެކުމުގެ ސިޔާސަތު ބާއެވެ؟ ދެން އޮތް ސުވާލަކީ ކުރިއަށް އޮތް ފަސްއަހަރު ސަރުކާރުން ކުރުމަށް އިސްކަންދެއްވާ ކަންކަން ހިމެނި އެސްއޭޕީއަށް ލާވަރުގެ މުހިންމު ކަމަކަށް މިކަން ނުވަނީ ބާވައެވެ؟

13 – 2019 އޮކްޓޯބަރު 04
ބޮޑެތި ހެޑްލައިން ތަކެއް އައިތާ އެއްދުވަސް ފަހުން އަނެއްކާވެސް މިއޮތީ ވަގުތުގެ ނޫސްވެރިން ކަމެއް ކަށަވަރު ކޮށްފައެވެ. "އިންޓަނެޓްގެ އަގު %25 ހެޔޮކުރަން ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކުން އެއްބަސް ވެފައިވާކަން "ވަގުތު" އަށް ކަށަވަރު ވެއްޖެ" ކަމަށް އޮތް ހެޑްލައިނެއް މި ތާރީހުގައި އެބައޮތެވެ. 25 އިންސައްތަ އެއް ނޫން އެންމެ އިންސައްތަ އެއްވެސް ހެޔޮ ވެއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ.

14 – 2020 ފެބުރުއަރީ 17
އަގުހެޔޮ ކުރަން މަޝްވަރާތައް ފެށިތާ ބަރާބަރު 1 އަހަރާއި 12 ދުވަސް ފަހުން ސަން އޮންލައިންގައި މިއޮތީ އަނެއްކާވެސް ރައްޔިތުން ރުޅިގަދަ ވާ ފަދަ ހެޑްލައިނެކެވެ. "އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް، ރައީސް އޮފީހުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އަންގައިފި" މިނިސްޓަރު މިއޮއްހާ ދުވަހު މީޑިއާތަކުގެ ހެޑްލައިންތަކުގައި "ކީހާޅެން ފަރިއްސައް" ވީހެއްޔެވެ؟

15 – 2020 މަރޗް 03
ވަގުތު ނޫހުގައި މި ތާރީހުގައި އޮތީ މުވާސަލާތީ ހިދުމަތް ދޭ ކުންފުންޏެއްގެ ހެޑްލައިނެކެވެ. " އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ގެންނަން ވިސްނަން: އުރީދޫ" ސުބުހާނަﷲ ވިސްނަން ފެށީ އަދި ކިރިޔާ ތޯއެވެ؟ ބޮޑު ސިންގާ ޕެންޑަމިކެއް އައިސް މީހުންގެ ދިރިއުޅުން އިންޓަރނެޓަށް ބަރޯސާ ވީމަހެއްޔެވެ؟

ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫގެ ހަފްލާއެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ – ފޮޓޯ: ރައީސް އޮފީސް

16 – 2020 މަރޗް 30
ސިއްހީ ބޮޑު ކާރިސާއެއް ދުނިޔެއަށް ކުރިމަތިވެ އެމީހަކު ތިބިތާކު ތިބެގެން އޮންލައިން ކޮށް ދިރިއުޅުމުގެ ހުރިހާކަމެއް ގެންދަން މަޖުބޫރު ވީ ހިނދު، ވަގުތު އޮންލައިންގައި މިއޮތީ އަނެއްކާވެސް ހެޑްލައިނެކެވެ. "އިންޓަނެޓް އަގަށް އޭޕްރީލް 01 ގައި ބަދަލު އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ" މިއެވެ. ބަދަލެއް އައި ބާވައެވެ؟ އަޑުތައް އިވެނީ މި މުއްދަތުގައި މީހުންގެ ފޯނު ބިލުތައް އިތުރު ވީ އަޑެވެ. ރަނގަޅެވެ. ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ބަދަލު ގެންނަ ވާހަކައެވެ. ކުޑަ ކޮށްދޭނެ ވާހަކައެއް ނޫނެވެ.

17 – 2020 މަރޗް 31
މަރޗް މަހުގެ 30 ވަނަދުވަހު ވަގުތު އޮންލައިން ގައި އޮތް ހެޑްލައިނާ ގުޅޭ ހެޑްލައިނެއް 31 ވަނަދުވަހު ސަން އޮންލައިން ގައިވެސް އޮތެވެ. "އަގުހެޔޮ ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރަން ސަރުކާރުން އެދިއްޖެ" މިއެވެ. ނަމަވެސް މި ހިދުމަތް ދޭ ކުންފުނިތަކަށް "ކަހާތަން ހިރުވާ ވެސް" ނުލައެވެ.

18 – 2020 މެއި 10
އަނެއްކާވެސް ހަމަ ހެޑްލައިނެކެވެ. ސަން އޮންލައިންގައި މެއި މަހު 10 ވަނަ ދުވަހު ޖަހާފައިވަނީ، "އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހަދައި، ސަރުކާރުން ހިދުމަތް ދޭން ފަށަން ވެއްޖެ: މަލީހު" މިހެންނެވެ. ސަރުކާރުގެ ފަރާތުން މި ކަންކަން ކުރައްވަން ތިއްބެވި ބޭފުޅުން، ސަރުކާރުން މިވެނި ކަމެއް ކުރަން ވެއްޖެ އެވެނި ކަމެއް ކުރަން ވެއްޖެ ވިދާޅުވުމުން އެކަން ވޭތޯއެވެ؟ އެހެންނަމަ ގައިމުވެސް މިހާރު އިންޓަނެޓުގެ އަގު އޮންނާނީ ހެޔޮ ވެފައެވެ.

19 – 2020 ޖުލައި 01
މި ދުވަހު މިހާރު އޮންލައިން ގައި އޮތް ހެޑްލައިނަކީ މިއީއެވެ. "އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށާއި އެކަމަށްޓަކައި އެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ" މިއެވެ. ދެން އެހެން ވީއިރު އިންޓަނެޓްގެ އަގު ހެޔޮ ނުވެގެން މި އުޅެނީ ރައްޔިތުންގެ މައްސަލައަކުން ބާއެވެ؟

20 – 2020 ނޮވެމްބަރު 18
ސަރުކާރައް ބަރާބަރު 2 އަހަރު ފުރުނީމަވެސް އަނެއް ކާވެސް އައީ ހެޑްލައިނެކެވެ. ނޮވެމްބަރު 18 ވަނަދުވަހު ވަގުތު ނޫހުގައި އޮތީ "ރައްޔިތުންގެ ވިންދު ހުރިގޮތަށް ބަލާއިރު އިންޓަނެޓް އަގު ހެޔޮކުރުން ލަސްވެފައިވާ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވެއްޖެ" މިހެންނެވެ. އަދިވެސް ތި އުޅުއްވަނީ ރައްޔިތުންގެ ވިންދު ބަލަން ތޯއެވެ. ރައްޔިތުން ތިބީ އެމީހުންގެ ވިންދު އީސީޖީ މެޝިނުން ބަލައިގެން ނެވެ. ތިބޭފުޅުން ވައުދު ފުއްދެވޭތޯ އުޅުއްވާށެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް – ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަށް ލަފާކޮށް ދައުލަތަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އައު ކުންފުންޏަކަށް މުއާސަލާތީ ހިދުމަތް ދިނުމުގެ ލައިސަންސް ދިނުމަށް ކަނޑައަޅާފައި ވެއެވެ. ބޮޑަށް އުންމީދު ކުރެވެނީ "އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ" ވައުދުގެ ބައެއްގެ ގޮތުގައި ކަމަށެވެ. ބަލަން ތިބެމާ ހިނގާށެވެ. މި ވީހާ ދުވަހު މި މަސައްކަތް "މަލިކު ލަވަޔަށް" ދިޔަ އިރުވެސް ރައްޔިތުން ބަލަންތިބީ ތާއެވެ.

މަލިކުގައި ކިޔާއުޅޭ މަޝްހޫރު ލަވައެއްގައި އޮވެއެވެ. "ބުނެވޭކަށް ނެތް ބުނެވޭކަން ނެތް، ނުބުނެ މިތާ ހުރެވޭކަށް ނެތް" ހަމަ މިފަދައިން އިންޓަނެޓްގެ އަގުވެސް، ހެޔޮ ކުރެވޭކަށް ނެތް، ހެޔޮ ކުރެވޭކަށް ނެތް، ނުކޮށް މިތާ ވާކަށްވެސް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *