ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން އދ. މަހިބަދުއަށް އައު ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލްކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ މަހިބަދޫ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، އިތުރަށް ފުރިހަމަކުރުމަށްޓަކައި މަހިބަދޫއަށްވަނީ 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިކަމަށެވެ.
ސްޓެލްކޯއިން އަންނަނީ އެކުންފުނިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގެ ޙާލަތު ބަލައި ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން މަރާމާތުގެ މަސައްކަތްތަކާއި އައު ޖަނަރޭޓަރު ހޯދަންޖެހޭ ރަށްރަށް ފާހަގަކޮށް އެކަންކަން ފުރިހަމަކުރުމަށް ބޮޑު އިސްކަމެއް ދެއެވެ. ޚާއްސަކޮށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރކަމުގެ މަޤާމާ އަޙްމަދު ޝަރީފް ޙަވާލުވެވަޑައިގަތްފަހުން ސީދާ އެމްޑީ ރަށްރަށަށް ދަތުރުކުރައްވައި ޙާލަތު ބައްލަވަައި ހައްދަވައެވެ.
އދ. މަހިބަދޫގައި ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، އިތުރަށް ފުރިހަމަކުރުމަށްޓަކައި މަހިބަދޫއަށްވަނީ 600kW ގެ ޖަނަރޭޓަރެއް ގެންދެވި އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިފައި. pic.twitter.com/0TcnxaTQdw
— STELCO (@STELCOMALDIVES) January 25, 2023
މާލެއާއި އަތޮޅު ތެރޭގައި ކަރަންޓު ފޯރުވައިދިނުމުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން، މިހާރު މާލެއާއި ރާއްޖޭގެ އިތުރު ރަށްތަކުގައި 50000އަށް ވުރެ ގިނަ ކަސްޓަމަރުން ހިދުމަތް ހޯދަމުން ދެއެވެ. ސްޓެލްކޯއަކީ ދިވެހި ދައުލަތުގެ %100 ހިއްސާ އޮންނަ ކުންފުންޏެކެވެ. މާލެ ހިމެނޭހެން ރާއްޖޭގެ 35 ރަށަކަށް އެކުންފުނިން އަންނަނީ ކަރަންޓުގެ ޚިދުމަތް ފޯރުވައިދެމުންނެވެ.