ޑިއާރުޕީ އުވާލަން ނިންމި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

ޑިއާރުޕީ އުވާލަން ނިންމި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

Author
ހުސެއިން
24 ޖެނުއަރީ 2023 04:14
0

އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޮކްޓޫބަރު 25 އަށް ހަމަވިއިރު 3،000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައިވަނީ ފާއިތުވި ޑިސެމްބަރުމަހުއެވެ. އެ ޤާނޫނުގެ ދަށުން އެ ޕާޓީ އުވާލުމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލުވެސް ކޮށްފައެވެ.

ކޮމިޝަނުން މިހާރު ގެންދަނީ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ޑީއާރުޕީ އުވާލަން ނިންމި މައްސަ އެޕާޓީން ހައިކޯޓަށް ހުށަހަޅާފައި އިއްޔެއެވެ. އެހެންނަމަވެސް ހައިކޯޓުން މައްސަލަ ބަލައިގަންނަން ނިންމިކަމެއް އަދި އެނގިފައެއް ނުވެއެވެ.

ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން ޑީއާރުޕީން ކުރިން ބުނެފައިވަނީ ޕާޓީގެ ހާލަތު ރަނގަޅަށް ކޮމިޝަނަށް އަންގަމުން ގޮސްފައި އޮއްވައި، ޕާޓީ އުވާލަން ނިންމުމަކީ ދިވެހިރާއްޖޭގެ "ޑިމޮކްރަސީ ފުނޑާލުމަށް އިލެކްޝަންސް އިން ފެށި މަސައްކަތެއް" ކަމަށެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި ޗެއާމަން ޖާބިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައިވައިރު ޕާޓީ އުވާލުން ބަލައިނުގަނެވޭނެ ކަމަށް ވެސް އެޕާޓީން ބުނެފައި ވެއެވެ.

ޑީއާރުޕީން ބުނެފައިވަނީ ކޯޓަށް ގޮސްގެން ޑީއާރްޕީ އުވާލުން ކެންސަލް ނުކުރެވިއްޖެ ނަމަ ޖޭޑީޕީގެ ނަމުގައި ޕާޓީއެއް އުފައްދާނެ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމުގެ މަސައްކަތް ކުރަމުން އަންނާތީ އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އެއް ޕާޓީއަށްވާއިރު އެޕާޓީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ޑީއާރުޕީ ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވީ އެޕާޓީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމްގެ އުފެދުނު ހިސާބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.