ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ އަޅަން 237 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ އަޅަން ހަވާލުކުރީ 155،941،090ރ. އަށް، 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. ދެން ގުޅުވާލަން ހަމަޖައްސާފައިވަނީ ހިތަދޫ އާއި މެންދޫ އަދި ކުނަހަންދޫ އެވެ. އެ ރަށްތައް ކޯޒްވޭ އަކުން ގުޅުވާލަން 81،222،471ރ. ހަރަދުކުރާނެ އެވެ. ނިންމަން ހަމަޖައްސާފައިވަނީ 500 ދުވަހުންނެވެ.
އެ ރަށްތައް ގުޅުވާލުމަށް 237،163،561ރ. ހަރަދުކުރާނެއެވެ. ކަލައިދު އާއި ދަނބިދޫ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ނުފެށި ދިގުލައިގެން ދާތީ އެ ދެ ރަށުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ދެ ކައުންސިލް ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ނެރުނު ގަރާރުގައި ބުނީ ކަލައިދޫ، ދަނބިދޫ އަދި އިސްދޫ ދާއިރާގެ ތަރައްގީއާ ގުޅިފައިވާ ކޯޒްވޭ ހެދުމަށް 2020، 2021 އަދި 2022 ވަނަ އަހަރުގެ ބަޖެޓު ފައިސާ ހިމަނާފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އައި އިރު ވެސް މަސައްކަތް ފަށާފައިނުވާ ކަމަށް ބުންޏެވެ.
ލ. ކަލައިދޫ، ލ. ދަނބިދޫ ކޯޒްވޭ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި.
155،941،090.92 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/4Z0iaOe6Nt
— Min.of National Planning, Housing & Infrastructure (@MoNPHImv) January 22, 2023
ކަލައިދޫ ކައުންސިލްގެ ރައީސް އަހުމަދު ޝިޔާމް "މިހާރު" އަށް އޭރު ވިދާޅުވީ އެއް ކިލޯ މީޓަރުގެ ދުރުމިނުގައި އޮންނަ ދެ ރަށް ގުޅުވާލުމަށް 2019 ވަނަ އަހަރު އީއައިއޭ ވެސް ހެދި ކަމަށެވެ.
އެ މަސައްކަތް ނިމިއްޖެ ނަމަ، ދަނބިދުއާ އެއްފަސްގަނޑެއްގައި އޮންނަ ކަލައިދު އާއި އިސްދުއަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ