އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނަށް ނިކުތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިި މަޝްވަރާކުރުމަށްފަހު ކަމަށާއި، އެސްޓީއޯއިން ކުރަމުންދާ އެއްވެސް މަސައްކަތަކަށް ކެމްޕެއިންގެ ސަބަބުން ހުއްޓުވުމެއް ނާންނާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ޕާޓީގެ ބައެއް މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ އަމްރުގެ ނަން ވިދާޅުނުވެ، ރައީސް ނަޝީދުގެ ކެމްޕެއިނާއި ގުޅުމުން އެކަމާއި ނުރުހުންވެ ވާހަކަތަކެއް ދައްކަވާފައެވެ. ރައީސް ވިދާޅުވީ އެއްވެސް ކުންފުންޏެއްގެ އެއްވެސް މުވައްޒަފަކު ބިރުގަންނަން ނުޖެހޭ ކަމަށާއި މުވައްޒަފުން އެ ކުރަނީ ސަރުކާރުގެ މަސައްކަތްތައް ކަމަށެވެ.
ރައީސްގެ ވާހަކަތަކާއި ގުޅިގެން އަމްރު ވިދާޅުވީ އޭނާ ޕްރައިމަރީ ކެމްޕެއިންގައި ރައީސް ނަޝީދަށް ތާއިދު ކުރެއްވި ސަބަބާއި، ތާއީދު ކޮށް ކެމްޕެއިނަށް ނިކުތުމުގެ ކުރިންވެސް ރައީސާއި މަޝްވަރާ ކޮށްފައިވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އެސްޓީއޯއިން ކުރަމުންދާ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނެކަމަށް އަމްރު ވިދާޅުވިއެވެ.
އަޅުގަޑު ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިޔުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ އަށް އަޅުގަޑު ދާ ވާހަކައާ، ދާ ސަބަބާ އަދި ޕާޓީ އެތެރޭގެ އިންތިޚާބުގަ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދެންނެވިން.
– އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯއިން ކުރަމުންދާ މަސައްކަތަކީ ޤައުމީ މަސައްކަތެއް ކަމަށެވެ. އެސްޓީއޯއިން ދޭ ޚިދުމަތްތަކާއި ކުރަމުންދާ މަސައްކަތަކީ އެއްވެސް ދުވަހަކު ހުއްޓޭނެ އަދި މަޑުޖެހޭނެ މަސައްކަތެއް ނޫންކަމަށް އަމްރު ވިދާޅުވިއެވެ.
އެސްޓީއޯ އިން ކުރަމުން ގެންދަނީ ޤައުމީ މަސައްކަތެއް، އެއީ ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއް. އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިޔަށް ދާނެ.
– އަމްރު ވިދާޅުވިއެވެ.
އަމްރުއަކީ ހުވަދުއަތޮޅަށް ނިސްބަތްވާ ބޭފުޅަކަށް ވުމުން އޭނާ ވަނީ ރައީސް ނަޝީދު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުގައި ބައިވެރިވެ ވަޑައިގެން ކެމްޕެއިންގައި ހަރަކާތްތެރިވެފައެވެ. އެމްޑީޕީގެ ޕްރައިމަރީ ހޮނިހިރު ދުވަހު ބާއްވާއިރު ޕްރައިމަރީގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.
One Response
މިގްރޫޕްކަށް ނަޝީދެއް ދުލެއް ނުކުރެވޭނެއެވެ. މިއީ ހިނދުކޮޅު ގްރޫޕްގެ މެންބަރެކެވެ.