ކިންގް ފޮރެކްސް ކުންފުނީގެ ނަމުގައި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހިންގަމުންދާ ކުންފުނިން ގަނޫނާއި ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދާ ގިނަބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑް މެމްބަރު އަލްހާން ފަހުމީގެ އޮފީސް ފުލުހުން ފާސް ކޮށްފިއެވެ.
ކިންގް ފޮރެކްސް ކުންފުނިން ގިނަބައެއްގެ އަތުން ފައިސާ ނަގައިގެން، ގާނޫނާއި ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހިންގާ މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައި މިހާރުދަނީ ޖިނާއީ ތަހުގީގެއްވެސް ކުރެވެމުންނެވެ.
އެ މައްސަލާގެ ތަހުގީގަށް ފާއިތުވެދިޔަ އަހަރުގެ މޭމަހުވެސް އަލްހާންވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ. އަދި މައްސަލައިގެ ތަހުގީގު ނިންމާ ފަހުން ވަނީ ޕީޖީއަށްވެސް ފޮނުވާފައެވެ.
އޭގެ އިތުރުން، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގެ މާލީ ސެކިއިރިޓީސްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނަކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކިންގްސް ޓްރޭޑިންގެ އެންޑް ސަޕްލައިސް ޕްރައިވެޓެޑް ލިމިޓެޑްވެސް ފުލުހުންވަނީ މިމަހުގެ 19ވަނަ ދުވަހު ޕޮލިހަށް ހާޒިރު ކޮށްފައެވެ.
ގާނޫނާއި ޚިލާފަށް، ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އިންވެސްޓް ސްކީމެއް ހިންގުމުގެ ތުހުމަތުގައި މިހާރު ކުރިޔަށްދާ ތަހުގީގުގެ ބޭނުމަށް އަލްހާން ފަހުމީގެ އޮފީހާއި އޭނާ ދިރިއުޅޭ ތަންތަން ބަލާ ފާސް ކޮށްފައިވާކަން ފުލުހުން ވަނީ ޔަގީން ކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ އޭނާގެ އޮފީހާއި ދިރިއުޅޭ ތަންތަން ބަލާ ފާސް ކޮށްފައިވަނީ މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އޭނާގެ ފޯނުވެސް ހިފަހައްޓާފައެވެ.
އަލްހާން އިސްވެ ހުންނަވާ ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސްއިން ވަނީ އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ފައިސާ ނަގާފާއެވެ. މިކަން މާލީ އިދާރާތަކުގެ ސަމާލުކަމަށް އައުމުން އެ އިދާރާތަކުން ވަނީ މިފަދަ ފަންޑުތަކީ ދެމެހެއްޓެނެވި ގޮތެއްގައި ހިންގޭނެ ފަންޑުތަކަށް ނުވާތީ އެ ފަންޑަށް ފައިސާ ނުދިނުމަށް މާލީ އިދާރާތަކުން އިލްތިމާސްކޮށްފައި ވެއެވެ.
އެހެންނަމަވެސް އަލްހާނާ އޭނާގެ ޓީމުން ދިޔައީ މާލީ އިދާރާތަކަށް ގޮންޖަހާ އެ ފަންޑު ނުހުއްޓުވޭނެކަމަށް ބުނަމުންނެވެ. އަދި އިންވެސްޓްކުރި މީހުންނަށް ފައިސާ ދޭނެކަމަށް ބުނަމުންދިޔައެވެ.
ފައިސާ ނުދެވި ލަސްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިންވެސްޓްކުރި ފައިސާގެ 25 ޕަސެންޓް އިތުރަށް ދޭނެކަމަށްވެސް އަލްހާންގެ ޓީމުން ކުރިން ބުނެފައިވެއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ލިބިފައެއް ނުވެއެވެ.
އިންވެސްޓަރުން އެމީހުންގެ ފައިސާ އަނބުރާ ދިނުމަށް އެދުމުންވެސް ފައިސާ ނުދީ އަލްހާނާ އޭނާގެ ޓީމުން މިހާތަނަށްވެސް ވަނީ ތަކުރާރުކޮށް ތަފާތު އެކި ބަހަނާތައް ދައްކާފައެވެ.
އަދި އެކަމާއި ދެކޮޅަށް ވާހަކަދައްކާ މީހުން ކިންގްސް އިންވެސްޓަރުންގެ ނަމުގައި އުފައްދާފައިވާ ގްރޫޕުން ކުރިން ވަނީ ބްލޮކްވެސް ކޮށްފައެވެ. އެއަށްފަހުވެސް، ފޭސް 2 ގެ ނަމުގައި އަލުން ޕެކޭޖްތަކެއް އިއުލާންކޮށް މީހުން އަތުން ދެވަނަ ފަހަރަށް ފައިސާ ނެގުމުގެ މަސައްކަތްވެސް އަލްހާނާއި އޭނާގެ ޓީމުން ވަނީ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ