ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ، އިދިކޮޅު ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީންއަށް އިންސާފު ހޯދުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ޔޫރަޕްގެ އިއްތިހާދުގެ ބައެއް ގައުމުތަކުގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މިގޮތުން އިދިކޮޅު ކޯލިޝަންގެ ޓީމަކުން އިއްޔެވަނީ، ސްރީ ލަންކާގެ ކޮލޮމްބޯގައި ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ބައެއް ޤައުމުތަކުގެ ސަފީރުންނާ ބައްދަލު ކޮށްފައެވެ.
ސްރީ ލަންކާގައި ހުންނަ، ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ބައެއް ގައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރި އިދިކޮޅު ކޯލިޝަންގެ ޓީމުގައި ހިމެނެނީ ޔާމީންގެ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދުއާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، އިދިކޮޅު ކޯލިޝަނުގެެ ސެނެޓަރު ހަމްދާން ޝަކީލްގެ އިތުރުން ޔާމީންގެ އާއިލާގެ ފަރާތުން، ޔާމިންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ.
މިޓީމުން ވަނީ ޖަރުމަން، ނެދަލޭންޑްސް، ފްރާންސް، އިޓަލީ އަދި ރޯމޭނިއާގެ ސަފީރުންނާއި ބައްދަލުކޮށް، ޔާމިނަށް އިންސާފު ހޯދުމަށް އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުންތަކަށްފަހު އިދިކޮޅު ޕީޕިއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔާމިންގެ މައްޗަށް ކޮށްފައިވާ ބޭއިންސާފު ހުކުމާއި ގުޅޭ މައުލޫމާތު އެފަރާތްތަކަށް އެރުވުމުގެ އިތުރުން، މި ބޭއިންސާފު ހުކުމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްވައިވާކަމަށް ސަފީރުންނަށް ދަންނަވާފައި ވާކަމުގައެވެ. އަދި މި ސަރުކާރުން ދިވެހިރާގެ ޑޮމިކްރަސީ އިނދަޖައްސާލުމަށް ހިންގަމުންދާ އަމަލްތަކުގެ މައުލޫމާތުވެސް ސަފީރުންނަށް ހިއްސާ ކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އިދިކޮޅު ޕީޕީއެމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޖަލުގައި އޮންނެވި ނަމަވެސް އިދިކޮޅު ރިޔާސީ ކެނޑިޑޭޓަކީ ޔާމިން ކަމަށާއި އިންސާފު ހޯދުމަށާއި، އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެކަމުގައެވެ.
އެހެންނަމަވެސް ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރެއްވުމަށްފަހު ޓީމުން ނެރުނު ބަޔާނުގައި، ބައްދަލު ކުރެއްވި ސަފީރުންގެ ފަރާތުން ފާޅު ކުރެއްވި އެއްވެސް ޚިޔާލެއް އަދި ޝުއޫރެއްވެސް ހިމަނާފައެއް ނުވެއެވެ.