ދަތުރު ކުރަމުންދިޔަ ހެލިކޮޕްޓަރ ވެއްޓުމުގެ ސަބަބުން ޔޫކުރެއިންގެ އިންޓީރިއަރ މިނިސްޓަރު ހިމެނޭ ގޮތުން އެމިނީސް އެއްމެ އިސް 3 ވެރިން މަރުވެއްޖެއެވެ.
ޔޫކުރެއިންގެ ވެރިރަށުގެ އިރުމަތީ އަވަށެއްގެ ނާސަރީއެއްގެ ކައިރިއަށް މި ހެލިކޮޕްޓަރ ވެއްޓުމުގެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 42 އަހަރުގެ އިންޓީރިއަރ މިނިސްޓަރު ޑެނީސް މޮނާސްޓީސްކީއާއި އޭނާގެ ފަރސްޓް ޑެޕިއުޓީ މިނިސްޓަރގެ އިތުރުން ސްޓޭޓް ސެކެޓްރީއެވެ.
މިހާދިސާގައި ހެލިކޮޕްޓަރުގައި ތިބި 9 މީހުން މަރުވެފައިވާއިރު، ހެލިކޮޕްޓަރ ވެއްޓުނުއިރު ބިންމަތީގައި ތިބި 9 މީހަކުވެސް މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ.
މޮނާސްޓީސްކީ ހިމެނިގެން ގޮސްފައިވަނީ، ޔޫކުރެއިން ހަނގުރާމަ ފެށުނުފަހުން މަރުވެފައިވާ ޔޫކުރެއިން އެންމެ މަތީ އޮފިޝަލް ކަމުގައެވެ.
ޔޫކުރެއިންގެ ޕްރެޒިޑެންޝަން އޮފީހުގެ ޑެޕިއުޓީ ހެޑް، ކީރީލޯ ޓިމޮޝެންކޯ ވިދާޅުވެފައިވާ ގޮތުގައި ހެލިކޮޕްޓަރ ވެއްޓުނުއިރު މިނިސްޓަރު ދަތުރު ކުރައްވަމުން ގެންދެވީ ހިގަމުންދާ ހަނގުރާމައިގެ ފްރޮންޓް ލައިނަކަށް ޒިޔާރަތް ކުރެއްވުމަށް ކަމުގައެވެ.
މި ހެލިކޮޕްޓަރ ވެއްޓުމުގެ ހާދިސާއަކީ ހިނގި އެކްސިޑެންޓެއް ކަމުގައި ރަސްމީ ފަރާތަކުން ބުނެފައިވި ނަމަވެސް، ބައެއް ފަރާތަކުން މި ހާދިސާއާއި ހިނގަމުންދާ ހަނގުރާމައާއި ވަނީ ގުޅުވާފައެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގެ ބައެއް އާންމުން ބުނެފައިވަނީ ހެލިކޮޕްޓަރު ދަތުރު ކުރަމުންދިޔަ ސަރަހައްދުގައި ދުންފިނި ވަރަށް ބޮޑުކޮށް ހުރުމުގެ އިތުރުން ކަރަންޓު ނެތުމުގެ ސަބަބުން މުޅި ސަރަަހަދު އޮތީ ކަނު އަނދިރިކޮށް ކަމުގައެވެ.
އުމުރުން 42 އަހަރުގެ، ޔޫކުރެއިން އިންޓީރިއަރ މިނިސްޓަރއަކީ ޔޫކުރެއިންގެ ރައީސް ޒެލެންސްކީގެ ކެބިނެޓްގެ ވަރަށް މުހިންމު ވަޒީރެކެވެ. އަދި ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިފަހުން، ރަޝިއާއިން އެގައުމަށް ދޭން ފަށާފައިވާ މިސައިލް ހަމަލާތަކުގައި އާންމު މަރުވަމުންދާ އަދަދު ދެނެގަތުމުގައި އޭނާވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ވެއްޓުނު ހެލިކޮޕްޓަރުގައި ޔޫކުރެއިންގެ އިންޓީރިއަރ މިނިސްޓްރީގެ 6 އޮފިޝަލުންނާއި 3 ކުރޫއިން ތިއްބެވެ.
ކޮމެންޓު ފޮނުވާ