ފެރިދޫ، ނާވައިދޫ ބަނދަރާއި، ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

ފެރިދޫ، ނާވައިދޫ ބަނދަރާއި، ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2023 07:18
0

އއ. ފެރިދުއާއި ހދ. ނާވައިދޫގެ ބަނދަރު ތަރައްޤީކުރުމާއި، ނ. ހޮޅުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއާއެވެ.

މި ޕްރޮޖެކްޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

ހދ. ނާވައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގައި 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 73 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 290 މީޓަރުގެ ބޭރު ތޮށި ލާނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުން ނިންމާގޮތަށް، 51.3 މިލިއަން ރުފިޔާއަށެވެ.

އއ. ފެރިދޫ ބަނދަރު އަަޕްގްރޭޑްކުރުމުގެ މަސައްކަތުގައި 213 މީޓަރުގެ އެއްގަމު ތޮށި އަދި 147 މީޓަރުގެ ބޭތު ތޮށި ލުން ހިމެނެއެވެ. ފެރިދޫ ބަނދަރު އަޕްގްރޭޑްކުރަން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުން ނިންމާގޮތަށް، 50 މިލިއަން ރުފިޔާއަށެވެ. ބަނދަތުރައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމޭއިރު ބަނދަރު ބައްތިއާއި މަގު ބައްތި އަދި ބަނދަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެމް.ޓީ.ސީ.ސީއާއި ދެން ޙަވާލުކޮށްފައިވަނީ ނ. ހޮޅުދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއެވެ. ހޮޅުދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން، 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ. އަދި ރަށުގެ އޮޑިއެހެލާ ސަރަޙައްދުގައި އެއްގަމު ތޮށްޓެއް ޤާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމުކުރާނެއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 13 މަސް ދުވަހުން ނިންމާގޮތަށް، 46.7 މިނިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.