ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2023 04:54
0

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 1.22 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. 1،200 މީހުންގެ އާބާދީގެ ބ. ދަރަވަންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ.

ރަށް ގިރުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑު ބަޔެއް ގިރައިގެންގޮސް ގޮނދޮށުގައި އޮތް ރީތި ވެލިގަނޑުވެސް ވަނީ ގިރައި ހުސްވެފައެވެ. އަދި ރަށްގިރުމުގެ ނޭދެވޭ އަސަރުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ރުއްގަހެއް ވެއްޓި ނެތިގެން ދެއެވެ. ދަރަވަންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ގެސްޓްހައުސް ވިޔާފަރިން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ.

މި ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ފަތުރުވެރިކަމަށް ބަރޯސާވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަކަން ދޭހަކޮށްދޭ އެންމެ ބޮޑު އެއް ހެއްކަކީ ރަށުގައި މިހާރުވެސް އެކި ފަންތީގައި ހިންގާ 14 ގެސްޓްހައުސް ހުރުމެވެ. އެގޮތުން ރަށްގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ، މިކަންވަނީ ފަތުރުވެރިކަމަށްވެސް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ.

މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ދަރަވަންދޫ ގޮނޑުދޮށް ފަރާތުން ގިރަމުން އައި ސަރަހައްދު މިވަނީ ހިމާޔަތްކުރެވިފައެވެ. މިއީ ހަމަގައިމުވެސް ދަރަވަންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ގޮތުގައި އެމްޓީސީސީން ދެކެއެވެ.

މި މަޝްރޫޢުގެ ދަށުން، 470 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 800,10 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.