ޔާމީނަށް އިއްވި ހުކުމުގެ ރިޕޯޓް މިއަދު ހަވާލުކޮށްފި

ޔާމީނަށް އިއްވި ހުކުމުގެ ރިޕޯޓް މިއަދު ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2023 01:11
0

ވ.އާރަށު މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް މަޙްޟަރު ބަޔާން ތަކާއެކު މިއަދު ލިބިފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ ރިޕޯޓް މިއަދު ލިބިފައިވާކަމަށެވެ. އަދި ކުރިއަށް އޮތީ ބުރަ ދުވަސްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅަން އޮންނަނީ 60 ދުވަހުގެ މުއްދަތެކެވެ. ޔާމީނަށް ހުކުމް އިއްވިތާ ދެހަފްތާ ވެގެން ގޮސްފައިވާއިރު، މައްސަލަ އިސްތިއުނާފްކޮށްފައި ނުވަނީ ކޯޓުން ލިބެންޖެހޭ ލިޔެކިޔުން ނުލިބިގެންނެވެ.

ލިޔުން ހޯދުމަށް ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ކޯޓަށް ވަޑައިގެންފައިވެއެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލާން ހުކުމްކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅަން އޮތް ހުރަހަކީ މައްސަލައިގެ ރިޕޯޓް ނުލިބުން ކަމަށް ވަކީލުން ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަޙްޟަރު ބަޔާން ތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވާކަމަށެވެ.

ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށްފަހު ހުލާސާ ރިޕޯޓް ކްރިމިނަލް ކޯޓުން ދިނީ ވެސް ޖެހިގެން އައި ދުވަހުއެވެ. ނަމަވެސް ގާނޫނު ބުނާ ގޮތުން ވެސް އަދި ކޯޓުން އަމަލު ކުރަމުން އަންނަ އުސޫލަކީ ވެސް ހުކުމް ކުރުމުގެ ޝަރީއަތް ނިމުމާއިއެކު މައްސަލައިގެ ހުލާސާ ރިޕޯޓް ހަވާލު ކުރުމެވެ.

ރިޔާސީ އިންތިޚާބު މިއަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާއިރު އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް އިދިކޮޅުން އަދިވެސް ދަނީ ބުނަމުންނެވެ. ގާނޫނުއަސާސީ ބުނާ ގޮތުން އެއް އަހަރަށް ވުރެ ދިގު ހުކުމެއް ކޮށްފައިވާ މީހަކަށް ރައީސް ކަމަށް ކުރިމަތިލެވޭނީ ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ. އެހެންވެ، ޖަލު ހުކުމާ އެކު، މިހާރު ޔާމީނަށް ބަންދުވެފައިވާ އިންތިހާބުގެ ދޮރު ހުޅުވެން އޮތީ ހައި ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.