ސިންގަޕޯ އެއަރލައިންސްގެ ރީޖަނަލް ވިންގްގެ ގޮތުގައި ހިންގާ ސިލްކް އެއަރގެ ދަތުރުތައް ޑިސެމްބަރު މަހު ރާއްޖެއަށް އަލުން ފެށުމަށް ޝެޑިއުލް ކޮށްފިއެވެ.
ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުންނެވެ. މެދުކަނޑާލުމުގެ ކުރިން އެ އެއަރ ލައިނުން ރާއްޖެއަށް ކޮންމެ ދުވަހަކު އެއް ދަތުރު ބާއްވަމުން ދިޔައެވެ. ނަމަވެސް އަލުން ދަތުރު ފަށާއިރު ކުރުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު 2 ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެ އަންގާރ ދުވަހާއި ހޮނިހިރު ދުވަހުއެވެ.
ޑިސެމްބަރު 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިންގ 737-800 މަރުކާގެ 162 ގޮނޑީގެ ބޯޓެކެވެ. ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުތަށް ފެށިނަމަވެސް ކޯވިޑް-19ގެ މިހާލަތުގައި ސީދާ ސިންގަޕޫރާއި ރާއްޖެއާދެމެދު ދަތުރުކުރާނެ ފަސެންޖަރުން ލިބޭނެ ކަމާމެދު މާބޮޑު ޔަގީންކަމެއް ނެތެވެ. އެހެންކަމުން މި ދަތުރުތަކުގައި ގިނައިން ދަތުރުކުރާނެ ކަމަށް ލަފާކޮށްފައި ވަނީ ސިންގަޕޫރު މަގުން ރާއްޖެއަންނަ އެހެން ގައުމުތަކުގެ ދަތުރުވެރީންނެވެ.
ސިލްކް އެއަރގެ ދަތުރުތަށް ރާއްޖެއަށް ޝެޑިއުލް ކުރިނަމަވެސް ސިންގަޕޫރުގެ މައި އެއަރލައިން ސިންގަޕޯ އެއަރލައިންސްގެ ދަތުރުތަށް ރާއްޖެއަށް ފަށާނެ ވަކި ތާރީހެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވުމުން ރާއްޖެއަށް ފުރަތަމަ ދަތުރުތަށް ފަށާފައިވަނީ ދޯހާއާއި ދުބާއީންނެވެ.