ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި

Author
ޢަލީ އާދަމް
15 ޖެނުއަރީ 2023 10:33
0

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބާއްވަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ މިހާރު ތާވަލްކޮށްފައިވާގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ، އަންނަ ސެޕްޓެމްބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހުކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، އޭގެ 21 ދުވަސްފަހުން 30 ސެޕްޓެމްބަރު ގައި ބާއްވަން ނިންމަވާފައިވާކަމަށެވެ.

ފުވާދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ބޭފުޅުންނަށް އިންތިޚާބަށް ކުރިމަތިލެއްވުމަށް އަންނަ ޖުލައި މަހުގެ 3ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ޝިޢާރަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ "މަގޭ ވިސްނުން، މަގޭ ވޯޓު" އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާގޮތުގައި މި އިންތިޚާބުގެ ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އަންނަ މެއި މަހުގެ 2ވަނަ ދުވަހު އާންމުކުރާނެކަމަށެވެ. އަދި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި އެމީހަކު ރައްވެހިވެފައިވާ ތަން ފިޔަވައި އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ މީހުން އަލުން ރަޖިސްޓްރީވުމަށް ޖުލައި މަހުގެ 16އިން އޮގަސްޓުމަހުގެ 5ވަނަ ދުވަށް ހުޅުވާލާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. 

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 3ވަނަ ދުވަހުން ފެށިގެން  އޮގަސްޓު މަހުގެ 3ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެކަމަށާ، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން އޮންނާނީ އޮގަސްޓު މަހުގެ 9ވަނަ ދުވަހު ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. 
މި އިންތިޚާބަށް ކެމްޕޭން ކުރުން ހުޅުވާލާނީ 10 އޮގަސްޓުން 8 ސެޕްޓެމްބަރަށެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.