ބޮޑު ކާމިޔާބީއެއް ލިބުނުކަމަށްވާނީ، ގިނަ ވާދަވެރިންނާއި އަދި ބޮޑެތި ޢަދާވާތްތެރިންނާ ވާދަކޮށްގެން ކާމިޔާބު ހޯދުނީމަކަށް ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވެފައިވަނީ، ބޮޑު ޚާމިޔާބެއް ލިބުނުކަމަށް ވާނީ ގިނަ ވާދަވެރިންނާއި، ބޮޑެތި ޢަދާވާތްތެރިންނާ ވާދަކޮށް ކުރި ހޯދުނީމަކަމަށެވެ. އަދި ފޮނިކަމެއް އިޙްސާސްކުރެވޭނީ ރަނގަޅަށް ވާދަކޮށްލައިގެން ކާމިޔާބު ލިބުނީމަކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.
އޭނާ އެއިޝާރާތްކުރައްވަނީ ކާކަށް ކޮންކަމަކަށްކަމެއް ނޭނގެއެވެ. އެހެންނަމަވެސް މިސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ އެންމެ ވާދަވެރި އަދި ފެންނަ ފެނުމަށް އެންމެ ޢަދާވާތްތެރި ބަޔަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީއެވެ. އިދިކޮޅު ލިޑަރު އަދި ރިޔާސީ ކެންޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އޮންނެވީ 11 އަހަރުގެ ޖަލު ޙުކުމެއްގައި ޖަލުގައެވެ. އެޙުކުމް އެގޮތަށް އޮތްހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ޖަލުޙުކުމަކީ ސަރުކާރުގެ ބާރާއި ނުފޫޒުން ކޮށްފައުވާ "ހަރާމް ޙުކުމެއް"ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ. އެހެންކަމުން އެޙުކުމް ބާޠިލްކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ މާލެއާއި އަތޮޅުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
މިއަދު ކުރެއްވި ޓްވީޓުގައި އިމްރާން ވިދާޅުވެފައުވަނީ ، ޢަދާލަތު ޕާޓީގެ ސިޔާސީ ނިންމުންތައް އަބަދުވެސް ނިންމަނީ ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަޙަތުތައް އެންމެބޮޑަށް ޙާސިލްކުރެވޭނެ ގޮތްތައް ބަލައިގެން އެގޮތަށްކަމަށެވެ.
Bodu kaamiyaabeh libunu kamah vaanee gina vaadhaverinna,bodethi adhavaaiytherinaa vaadhakoh kuri hoadhuneemaeve.
Fonikameh ihusaas kureveynee rangalhah vaadhakohlaigen kaamiyaabu libuneemaeve.— Imran Abdulla (@ShimranAb) January 14, 2023
ޢަދާލަތު ޕާޓީ އޮތީ ރައިސް އިބްރާހީމް މުޙައްމަދޖު ޞާލިޙްގެ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ޢަމަލުކުރާނެގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.