އައްޑޫ ސިޓީގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރެއް އެޅުމުގެ ކޮންޓްރެކްޓް ޕްލޭނިން މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރ އެއް ގާއިމް ކުރުމާއި ބެހޭ ކޮންޓްރެކްޓް މިއަދު އިންޑިއާ ސަރުކާރުން ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއާއި ހަވާލުކޮށްފައިވާ މަޝްރޫއުއަކީ އިންޑިއާގެ ގްރާންޓް އެހީގެ 8 މިލިއަން ރުފިޔާގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ހިންގޭ މަޝްރޫއުއެކެވެ. މިމަޝްރޫއު އާއި ގުޅޭ އެމް.އޯ.ޔޫ ގައި ސޮއި ކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި މިމަހުގެ 9 ވަނަ ދުވަހުއެވެ. އެމް.އޯ.ޔޫގައި ސޮއި ކުރެވުމުގެ ދެ ހަފްތާގެ ތެރޭގައި މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކުރެވިފައިވާކަން އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރެއެވެ.
ހުޅުދޫގައި ގާއިމްކުރެވޭ ޑްރަގް ޑީޓޮކްސް ސެންޓަރަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމްގެ 200 މިލިއަން ރުފިޔާ ނުވަތަ 13 މިލިއަން ޑޮލަރު ގްރާންޓްގެ ދަށުން ރާއްޖޭގައި ހިންގެމުންދާ 30 ކުދި އަދި މެދުމިނުގެ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއުއެކެވެ. އައްޑޫ ސިޓީގެ ހުޅުދޫގައި ގާއިމްކުރެވޭ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރުން ޑީޓޮކްސިފިކޭޝަން، ކޮމިއުނިޓީ ރީހެބިލިޓޭޝަން އަދި ރެޒިޑެންޝަލް ރީހެބިލިޓޭޝަންގެ ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. އަދި މި ހިދުމަތްތައް މެދުވެރިކޮށް މަސްތުވާތަކެއްޗާއި ގުޅިފައިވާ ކުށްތައް މަދުކުރެވި ރަށުގެ މުޖުތަމައު އަމާންވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
މަސްތުވާތަކެތީގެ ވަބާ އަކީ ރާއްޖޭގެ ރަށްތަކުގެ މުޖުތަމައުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖޭގައި 4 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ މިހާރުވެސް ގާއިމް ކުރެވިފައި ވީ ނަމަވެސް، ޑްރަގް ޑީޓޮކްސިފިކޭޝަން އަދި ކޮމިއުނިޓީ ރީހެބިލިޓޭޝަން ސާވިސްތަކަށް ބޭނުންވެފައިވާ ކްލައިންޓުންގެ އަދަދު ވަރަށްވެސް ގިނަކަމުން މިފަދަ އިތުރު ސެންޓަރުތައް ގާއިމް ކުރެވުން މުހިންމުކަން އިންޑިއާ ސަރުކާރުން ފާހަގަކުރެއެވެ. އެހެންކަމުން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ރީހެބިލިޓޭޝަން ހިދުމަތްތަކާއި އެމީހުންގެ އާއިލާތަކަށް އަދި މުޖުތަމައުއަށް ހިތްހަމަޖެހުން ގެނެސްދޭނެ މިފަދަ މަޝްރޫއުއެއް ހިންގުމަށް އެހީވެވޭކަމީ އިންޑިއާއިން ފަހުރުވެރިވާކަމަށް އިްނޑިއާ ހައިކޮމިޝަނުން ބުނެއެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ޑިވެލޮޕްމެންޓަލް އެސިސްޓެންސް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ލޯކަލް ކޮމިއުނިޓީތަކަށް އެންމެ އެކަށޭނެ އަދި އެންމެ ފައިދާ ކުރުވަނިވި މަޝްރޫއުތަކަށާއި، ރާއްޖޭގެ އިގްތިސާދު ވަރުގަދަވެ ކުރިއަރުމަށް މަގުފަހިކޮށްދޭނޭފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށްކަމަށާއި، ދިވެހިރާއްޖޭގެ ތިޔާގިކަމާއި ތަނަވަސްކަން އަދި ކާމިޔާބީގެ ބިންގާ ވަރުގަދަކުރުމަށް ޓަކައިކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
އިންޑިއާގެ ގްރާންޓްގެ ދަށުން ހިންގުނު އެތައް މަޝްރޫއުއެއް މިހާރު ވަނީ ކާމިޔާބުކަމާއި އެކު ނިންމާލެވިފައިވާކަމަށް ހައިކޮމިޝަނުން ބުނެއެވެ. މީގެ ތެރޭގައި އުކުޅަސް ކޮންވެންޝަން ސެންޓަރ އާއި، ކޮޅިފުށީގައި މަގުމަތީ ލައިޓް ހަރުކުރުމުގެ މަޝްރޫއުއާއި، ވާނީ ޕޮލިސް ސެންޓަރާއި، މާލޭ ސިޓީ ކައުންސިލްއަށް ވެހިކަލް އަދި މެޝީނަރީ ހަވާލުކުރެވުމާއި، ގޮއިދޫ-ފެހެންދޫ ސްކޫލް ފެރީއާއި، 61 ރަށެއްގައި ގާއިމް ކުރެވޭ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ އިކުއިޕްމެންޓް ހަވާލުކުރެވުމާއި، އެކި އަތޮޅުތަކުގައި ގާއިމް ކުރެވޭ 67 ކުޑަކުދިންގެ ޕާކު ހިމެނޭކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

މި ގްރާންޓްގެ ދަށުން ހިންގޭ އިތުރު މަޝްރޫއުތަކުގެ ތެރެއިން ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އާއި، ފަރެސްމާތޮޑާގެ 'ވެޓްލޭންޑް ޕާކް' މަޝްރޫއު އާއި، މާލޭގެ އެކުވެނި ޓްރެކް ސިންތެޓިކް ކުރުމުގެ މަޝްރޫއު އާއި، ހުޅުމާލޭގައި ހުންނަ ފިޔަވަތި އަޕްގްރޭޑްކޮށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަޝްރޫއުއާއި، ހުޅުމާލޭ ސެންޓްރަލް ޕާކް އަދި އެރައިވަލް ޖެޓީ މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއުއާއި، ޅޮހި އަދި ކިނޮޅަހުގައި ކްލާސްރޫމްތައް ހެދުމުގެ މަޝްރޫއުއާއި، ފޯކައިދޫ ކޮމިއުނިޓީ ސެންޓަރ ތަރައްގީ ކުރުމުގެ މަޝްރޫއުއާއި، އައްޑޫ ސިޓީގައި 3 މަސް ޕްރޮސެސިން ޕްލާންޓާއި 5 އިކޯ ޓޫރިޒަމް ޒޯން ގާއިމްކުރުމުގެ މަޝްރޫއުއާއި، ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ނިމި އިފްތިތާހު ކުރެވޭނެކަމަށް އުންމީދުކުރެވޭކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
އައްޑޫ ސިޓީ ކައުންސިލްއާއި އިންޑިއާގެ ޕާޓްނަޝިޕްގެ ދަށުން އައްޑޫގައި 3 މަސް ޕްރޮސެސިން ޕްލާންޓާއި، 5 އިކޯ ޓޫރިޒަމް ޒޯން ގާއިމްކުރުމަށް 64 މިލިއަން ރުފިޔާގެ (4.2 މިލިއަން ޑޮލަރު) ގްރާންޓް އެހީ ވަނީ ފޯރުކޮށްދެވިފައެވެ. އަދި އިންޑިއާއިން ރާއްޖެގައި ހިންގާ އެންމެ ބޮޑު ގްރާންޓް މަޝްރޫއު ކަމަށްވާ 500 މިލިއަން ރުފިޔާގެ (33 މިލިއަން ޑޮލަރު) ނެޝަނަލް ކޮލެޖް ފޯ ޕޮލިސް އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް ގާއިމް ކުރުމުގެ މަޝްރޫއު މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާތަކުގެ ތެރޭގައިކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ މަގުތައް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ހިންގަމުން ދަނީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން-އޮފް-ކްރެޑިޓް ސްކީމްގެ ދަށުންނެވެ.
އައްޑޫގައި ގާއިމްކުރުމަށް ހަމަޖެހިފައި މިވާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރަކީ އިންޑިއާއާއި ދިވެހިރާއްޖޭ ގުޅިގެން ކުރެވޭ ތަރައްގީގެ މަސައްކަތުގައި ޓްރާންސްޕޭރެންސީއަށާއި، ލޯކަލް ކޮމިއުނިޓީތަކުގެ ބޭނުންތަކާއި އުންމީދުތައް ފުއްދުމަށް ދެވޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ މިސާލެއްކަމަށާއި، މި މަޝްރޫއުގެ މަސައްކަތް އަވަހަށް ފުރިހަމަ ކުރެވިގެންދާނެކަމަށް އިންޑިއާއިން އުންމީދުކުރާކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ