2019ވަނަ އަހަރުގެ އެޕްރިލްމަހުގެ 21ވަނަ ދުވަހު، ކުރިސްޓިއަނުންގެ ދީނީ ދުވަހެއް ކަމުގައިވާ އީސްޓަރ ބަންދުގައި (އީސްޓަރ ސަންޑޭގައި) ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ގެއްލުން ލިބުނު އާއިލާތަކަށް ބަދަލުގެ ގޮތުގައި 10 މިލިއަން ރުފީސް (270،000 އެމެރިކާ ޑޮލަރު) ދެއްކުމަށް ސްރީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ މައްޗަށް އެގައުމުގެ ސުޕްރިމް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިރިސޭނާގެ އިތުރުން ސްރީ ލަންކާގެ ކުރީގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޕުޖިތު ސަޔަސުންދަރަ އާއި ކުރީގެ ސްޓޭޓް އިންޓެލިޖެންސް ސާވިސްގެ ޑިރެކްޓަރ ނިލަންތަ ޖަޔަވަރުދަނޭގެ މައްޗަށް، ކޮންމެ މީހަކުވެސް 75 މިލިއަން ރުޕީސް (200،000 ޑޮލަރު) ބޮމުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ބަދަލުގެ ގޮތުގައި ދެއްކުމަށްވެސް ސުޕްރިމް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.
މީގެ އިތުރުން ސްރީ ލަންކާގެ ކުރީގެ ޑިފެންސް ސެކެޓްރީ ހެމަސިރި ފެނާންޑޯގެ މައްޗަށް ސުޕްރިމް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 50 މިލިއަން ރުފީސް (130،000 އެމެރިކާ ޑޮލަރު) އަދި ކުރީގެ ޗީފް ނޭޝަނަލް އިންޓެލިޖެންސް ސިރިސިރަ މެންޑިސް ގެއްލުން ލިބުނު އާއިލާތަކަށް ބަދަލުގެ ގޮތުގައި 10 މިލިއަން ރުޕީސް (27،000 އެމެރިކާ ޑޮލަރު) ދައްކަން ޖެހޭނެކަމަށްވެސް ސުޕްރިމް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.
ސުޕްރިމް ކޯޓުން ނިންމާފައިވަނީ، އީސްޓަރ ސަންޑޭގެ ބޮމުގެ ހަމަލާއާއި ގުޅިގެން ޕެޓިޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ އަސާސީ ހައްގުތަކަށް މި ހުރިހާ އޮފިޝަލުންވެސް އަރައިގެންފައިވާ ކަމުގައެވެ.
2019ވަނަ އަހަރުގެ އީސްޓަރ ސަންޑޭގައި، އެއަހަރުގެ އެޕްރިލްމަހުގެ 21ވަނަ ދުވަހު ކުރިސްޓިއަނުންގެ 3 ފައްޅިއަކަށާއި، ކޮލޮމްބޯގެ 3 ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި 267 މީހަކު މަރުވެފައި ވެއެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުގެ 45 މީހަކުވެސް ހިމެނެއެވެ. އައި އޭގެ އިތުރުން 40 ކުޑަކުދިންވެސް ހިމެނެއެވެ.
ސްރީލަންކާގެ ތާރީޚުގައިވެސް ދީފައިވާ އެންމެ ނުރައްކާތެރި މި ބޮމުގެ ހަލާތަކުގައި 500 މީހަކު ޒަޚަމް ވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ