އެޕަލް އިވެންޓްތަކަކީ އެކުންފުނީގެ އުފެއްދުންތަކަށް ލޯބިކުރާ ގިނަމީހުން ވަރަށް އިންތިޒާރު ކުރާ ކަމެކެވެ.
އެކުންފުނިން މިހާރު މިވަނި އަންނަ އަންގާރަ ދުވަހު އެޕަލް އިވެންޓެއް ބާއްވާނެ ކަމަށް ޢިއުލާން ކޮށްފައެވެ. މިއީ ކޮން އިވެންޓެއް ކަން ހާމަ ނުކުރި ނަމަވެސް ގިނަ ބަޔަކު ޔަގީންކޮށްގެން ތިބީ މިއީ އެޕަލްގެ އައު ފޯނު "އައިފޯން-12″ ދައްކާލުމުގެ އިވެންޓަށް ވާނެ ކަމަށެވެ.
"ހައި، ސްޕީޑް"ގެ ނަމުގައި އެޕަލް ޕާކްގައި ބާއްވާ އިވެންޓަށް އެކުންފުނީގެ އުފެއްދުންތަކަށް ލޯބިކުރާ އެންމެނަށް، އެޕަލް ޑޮޓް ކޮމް އިން އިވެންޓް ބެލުމަށް އެ ކުންފުނިން ވަނީ ދަޢުވަތު ދީފައެވެ. އިވެންޓްގެ ނަމަކަށް "ހައި، ސްޕީޑް" ދީފައި އެވަނީ ވެސް އެޕަލްގެ އައު ފޯނަކީ އަލްޓްރާ ފާސްޓް ވަޔަރލެސް ނެޓްވޯކް، 5ޖީ ފޯނަކަށް ވާތީ އެކަމާ ގުޅުވުމަށް ކަމަށް ޓެކްނޮލޮޖީއާއި ވިޔަފާރި ޚަބަރުތަށް ގެނެސްދޭ މީޑިއާތަކުން ބުނެއެވެ.
އެޕަލް އިން އާންމުކޮށް އެމީހުންގެ އައު ފޯނު ދައްކާލަނީ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް މިއަހަރު މުޅި ދުނިޔެ ކުރިމަތިލާފައި މިވާ ކޮރޯނާގެ ވަބާގެ ސަބަބުން އައު ފޯނު ދައްކާލުން މިވަނީ ލަސްކޮށްލާފައެވެ. ނަމަވެސް އެޕަލްގެ ސެޕްޓެމްބަރު އިވެންޓްގައި އެޕަލް ވޮޗާއި އައިޕެޑްގެ އިތުރުން ޑިޖިޓަލް ފިޓްނަސް ޚިދުމަތް ދައްކާލާފައި ވެއެވެ.
އެކުންފުނީގެ ފުރަތަމަ 5ޖީ ފޯނާއި އެކު އެޕަލްގެ އުފެއްދުންތަކުގެ ފެންވަރު އެތައްގުނައެއް މައްޗަށްޖެހި، އެކުންފުނީގެ އުފެއްދުންތަށް ގަންނަ މީހުންގެ އަދަދު އިތުރުވާނެކަމަށް ޓެކްނޮލޮޖީގެ ޚަބަރުތަށް ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ. އެހެން ކަމުން އެކުންފުނިން އައު ފޯނު އުފައްދާ ބާޒާރަށް ނެރޭނެ އަދަދުވެސް މިފަހަރު އިތުރުވާނެއެވެ. 5ޖީ ފޯނާއިއެކު އެޕަލް ޓީވީ ޕްލަސް ފަދަ އެކުންފުނީގެ ޑިޖިޓަލް ޚިދުމަތްތައް ވެސް އިތުރަށް ކުރިއަރައިގެން ދާނެކަމަށް ޚަބަރުތަށް ބުނެއެވެ.
އެޕަލް އިން މިއަހަރު އައިފޯން-12ގެ 4 މޮޑެލްއެއް ދައްކާލާނެކަމަށް ބެލެވެއެވެ.