އައު އަހަރާއި ދިމާކޮށް ސިނަމާތަކަށް ގެނައުމަށް ތައްޔާރު ވަމުން އަންނަ ފިލްމް "ކުއްތޭ" ގެ ދިގުމިނަކީ 1 ގަޑިއިރާއި 52 މިނިޓް އާއި 03 ސިކުންތު ކަމަށް ބޮލީވުޑް ހަންގާމާއިން ބުނެފިއެވެ.
ވަރަށް ތަފާތު ފިލްމްއެއްގެ ގޮތުގައި ލޭބަލް ކޮށްފައިވާ މި ފިލްމްގެ ޕޯސްޓަރު އަދި ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައިއެވެ. ޕޯސްޓަރުގައި ވަނީ މީހުންގެ މޫނުގެ ބަދަލުގައި ތަފާތު އެކިކަހަލަ ކުއްތާގެ ބޯތަކަކާއި އެކުގައިއެވެ.
މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ދަރިފުޅު އާސްމާން ބަދަރްވާޖްގެ އަލަތު ޑައިރެކްޝަނެވެ. ވިޝާލް އަކީ "ސާތު ހޫ މާފް"، "އޯމްކާރާ" އަދި "ހައިދަރު" ފަދަ ތަފާތު ފިލްމު ތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.
އާސްމާންގެ އަލަތު ފިލްމު "ކުއްތޭ" ސިނަމާތަކަށް ގެނައުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 13 އަށެވެ. ވިޝާލްގެ ފިލްމު ކުންފުންޏާއި ޑައިރެކްޓަރު ލަވް ރަންޖަންގެ ލަވް ފިލްމްސްގެ އިތުރުން ބޫޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމުގެ ކާސްޓުގައި އަރުޖުން ކަޕޫރް، ތައްބޫ، ނަސީރުއްދީން ޝާހް، ރާދިކާ މަދަން، ކޮންކޮނާ ސެން ޝަރުމާ، ކުމުދު މިޝްރާ އަދި ޝަރުދުލް ބަރަދްވާޖް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ