މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ވާއިރަށް ގަލޮޅު ދަނޑާއި ޓާފް ގްރައުންޑްގެ ފެންވަރު ރަގަނޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އެފްއޭއެމުން ބުނެފިއެވެ.
އެފްއޭމްގެ "ލެޓެސް ޓޯކް ފުޓްބޯލް" ޝޯގަ ވާހަކަދައްކަވަމުން އެފްއޭއެމްގެ ޕޮރޮޖެކްޓްސް އެންޑް މެންއިންޓެނަސް ޑިޕާޓްމަންޓްގެ ހެޑް އިބްރާހީމް ޢަލީ ވިދާޅުވީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މިހާރު ރަގަނޅު ކުރެވިފައި ވާކަމަށާއި ގަލޮޅު ދަނޑުގެ ސްކޯ ބޯޑް ރަގަނޅު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އަދި ޓީމުތައް ފަރިތަކުރުންތައް ކުރިއަށް ގެންދާ ޓާފް ދަނޑުތަކުގެ ތެރެއިން ޓާފް 2ގެ ލައިޓިން ސިސްޓަމްގެ ގިނަ ލައިޓްތައް މިހާރުވަނީ ލެޑް ލައިޓަށް ބަދަލުކޮށްފައެވެ.
އިބްރާހީމް ޢަލީ ވިދާޅުވީ ޓީމްތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ޓާފް 2 މިހާރުވަނީ އެކަމަށް އެންމެ ރަގަނޅަށް ތައްޔާރު ކުރެވިފައިކަމަށެވެ. ޓާފް ގްރައުންޑް 1ގެ މަސައްކަތް އެފްއޭއެމުން ކުރިއަށް ގެންދަނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ގޮތަށް ކަމަށާއި އަންނަ މަހުގެ މެދުތެރެއަށް ދާންވާއިރަށް ގްރައުންޑްގެ ފެންވަރު ރަގަނޅު ކުރެވި، ލައިންޓިން ސިސްޓަމްގެ ލައިޓްތައް ލެޑް ލައިޓަށް ބަދަލު ކުރެވޭނެ ކަމަށްވެސް އެފްއޭއެމްގެ ޕޮރޮޖެކްޓްސް އެންޑް މެންއިންޓެނަސް ޑިޕާޓްމަންޓްގެ ހެޑް އިބްރާހީމް ޢަލީ ވިދާޅުވިއެވެ.
" އަޅުގަނޑުމެން މިހާރުވާނީ ހުޅުމާލޭ ފުޓްބޯޅަ ސުކޫލުގެ އެކޮމެޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާފަ. މިހާރު ކުރިޔަަށް މިދަނީ ދަނޑުގެ މަސައްކަތް "
– އިބްރާހީމް ޢަލީ
މިހުރިހާ މަސައްކަތެއް ނިމި ޓާފް 1ގައި ރޭގަނޑު ފަރިތަކުރުންތައް މިއަންނަ މަހުގެ މެދުތެރޭގައި ފެށޭނެކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 8ވަނަ ދުވަހުއެވެ. ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީޝީލްޑް މެޗްގައި ބައްދަލުކުރާނީ ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސްއެވެ.