އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން 4-0 އިން ބަލިވެ، ޗެލްސީ މުބާރާތުން ކަޓައިފިއެވެ.
ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖެހީ ރިޔާދު މާރޭޒް ޖެހީ ހިލޭޖެހުމަކުންނެވެ. ދެވަނަ ލަނޑު ޕެނަލްޓީއަކުން ޖެހީ އަލްވާރޭޒްއެވެ. މިއީ އޭރިޔާ ތެރެއިން ކައި ހާވާޓްޒް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ. އާޖެންޓީނާގެ ޒުވާން ފޯވާޑަށް ކޯޗު ޕެޕް ގާޑިއޯލާ ވަނީ ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. ތިންވަނަ ލަނޑު ޖެހީ ފިލް ފޮޑެންއެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ސިޓީގެ ހަތަރުވަނަ ލަނޑު ރިޔާދު މާރޭޒް ޖެހީވެސް ޕެނަލްޓީއަކުންނެވެ. އެއީ އޭރިޔާ ތެރެއިން ފިލް ފޮޑެންއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މިއީ 1998 ވަނަ އަހަރުގެ ފަހުން، އެފްއޭ ކަޕްގެ ތިން ވަނަ ބުރުން ޗެލްސީ ކެޓި ފުރަތަމަ ފަަހަރެވެ. ޗެލްސީ މި ސީޒަނުގައި އިނގިރޭސި ލީގު ކަޕުން ކެޓީ ވެސް ސިޓީ އަތުން ބަލިވެގެންނެވެ. އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި މީގެ ތިން ދުވަސް ކުރިން ކުޅުނު މެޗުގައި ޗެލްސީ ދަނޑުގައި ސިޓީ ވަނީ 1-0 އިން މޮޅުވެފައެވެ.
މި މެޗުގެ ނަތީޖާއާ އެކު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް މަގާމުގައި ދެމިހުންނަން އިތުރު ޕްރެޝަރަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި މެޗުގައި ޗެލްސީގެ ބަައެއް ސަޕޯޓަރުން ވަނީ ޕޮޓާ މަގާމުން ދުރުކުރަން ގޮވާލައި، ޝުއޫރުފާޅުކޮށްފައެވެ.