މިއަަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑު އަހައިގެންކަމަށެވެ. މިހާރުވެސް ރައްޔިތުންގެ އަޑު އެހުމަށްޓަކައި އެމްޑީޕީގެ އެތައް ޓީމުތަކެއް އަތޮޅުތެރޭގެ އެކިރަށްތަކުގައި ހަރަކާތްތެރިވާއިރު، ރައްޔިތުންގެ ގިނަ ޚިޔާލުތަކެއް ލިބިގެންދާކަމަށެވެ.
ރައްޔިތުންގެ ފަރާތުން މިއަދު ލިބިގެންދާ ޔަގީންކަމާއި އިތުބާރާއިއެކު ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކޮށް، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ވިސްނުން މިއަދުން ފެށިގެން މަސައްކަތްތައްވެސް ވިސްނުންވެސް ޚިޔާލުވެސް ފިކުރުވެސް ގެންގުޅެންވީ ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރާ ރައީސުލްޖުމްހޫރިއްޔާއަކާއި، ސަރުކާރެއް އެކުލަވާލުމުގައި ކާމިޔާބު ހޯދުމަށް. އެމްޑީޕީއަށް މިކާމިޔާބު ހޯދަދޭން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންނަށް ހަރަކާތްތައް އެބަބޭއްވޭ. ބައްދަލުވުންތައް އެބަބޭއްވޭ. ރައްޔިތުންގެ އަޑު އެބައެހޭ. އަޅުގަނޑަށް ޔަގީންކަމާއިއެކު ދަންނަވަން ކެރޭ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެކަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް – @ibusolih #MDPKuriah #Ibu2023 pic.twitter.com/QcX8brxBZL
— Hussain Shafiu (@charly_thuthu) January 6, 2023
ރައީސް ޞާލިހު މިރޭވެސް ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ގިނަ ލީޑަރުންނާއިއެކު މަސައްކަތް ކުރެވޭނެ ކަމުގެ ގާބިލްކަން ހުރި މީހަކަށް ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދެއްވާއިރު އެންމެ ބޮޑަށް ރައްޔިތުން ބަލަންޖެހޭ ކަމަކީ ކޯލިޝަނަކާއިއެކު ވެރިކަން ކުރެވޭނެ މީހަކަށް ފުރުސަތު ދިނުމަަށްކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރެވޭނީ އެމަނިކުފާނަށް ރައީސް ވިދާޅުވިއެވެ.
މަސައްކަތްތައް ނުހުއްޓި ކުރިއަށްގެންދެވޭނީ، 2023 ވަނަ އަހަރު ތަފާތު ފިކުރުކާއި އެކު ޚިޔާލު އެއްގޮތް ކޮށްގެން މަސައްކަތް ކުރެވޭނެ ފަރާތެއް ހޮވައިގެން.
– ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހު ވަނީ ރ.އަތޮޅުގައި ހިނގާ ތަރައްޤީގެ ގިނަ މަޝްރޫތަކެއްގެ ވާހަކަވެސް މިޖަލްސާގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ރަށްރަށުގައި ހިނގާ ނަރުދަމާ، ފެނުގެ މަސައްކަތްތަކާއި، ބަނދަރުގެ މަސައްކަތްތަކުގެ ވާހަކަ އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ