ރަނގަޅު ހެޔޮ ވެރިކަމެއް ކުރެވޭނީ، އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކޮށް ކަމަށް ބެލެއެވެ.
ރާއްޖޭގެ ވެރިކަމުގައި 2018ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ، އެމްޑީޕީ އިސްވެ އޮވެ އުފެއްދެވި ކޯލިޝަން ސަރުކާރަކާއެކުއެވެ. މި ކޯލިޝަންގައި ހިމެނެނީ އެމްދީޕީގެ އިތުރުން އަދާލަތު ޕާޓީއާއި، އެމްއާރްއެމްއާއި، ޖުމްހޫރީ ޕާޓީއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ވަނީ ކޯލިޝަން ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ ސަރުކާރެއްގައި މިހާތަަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަން ސަރުކާރުވެސް މެއެވެ.
ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ރައީސް ދެއްކެވި ނަތީޖާއަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ، ހެޔޮ ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަން މާޒީ ހެކިވާކަމަށެވެ. އިމްރާން މިހެން ވިދާޅުވިއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި 21 ދުވަހުގެ ތެރޭގައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ކޯލިޝަން ރޫޅިފައެވެ.
އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ، އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމީ ޒަމާނުއްސުރެ އިންސާނުން ގަބޫލު ކުރަމުން އަންނަ ހަގީގަތެކެވެ.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއްވެސް ކޯލިޝަނެއް ސަރުކާރު ނިމުމާއި ހަމައަށް ދެމިގެން ގޮސްފައެއްނުވެއެވެ. ނަމަވެސް މި ސަރުކާރަކީ މިހާ ދިގުމުއްދަތަކަށް ކޯލިޝަން ދެމި އޮތް ހަމައެކަނި ވެރިކަމެވެ. ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކިކަހަލަ ރައްދުތައް ދެއްވައި ބަހުގެ ހަމަލާ ބަދަކުރެއްވި ނަމަވެސް ރައީސް ޞާލިހު މިކަންކަން ހައްލުކުރައްވައި އެއްބައެއްގެ ގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތާއި، ގެންގުޅުއްވާ ވިސްނުންފުޅަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި، ދުރުވިސްނުންފުޅުގެ މިސާލެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންވެސް ދެކެވަޑައިގަންނަވައެވެ.
ކުރިއަށް އޮތް އިންތިޚާބުގައިވެސް ރައީސް ޞާލިހުގެ ވިސްނުން ފުޅަކީ މިހާރު އޮތް ކޯލިޝަނަކާއިއެކު އެއްބައިވަންތަ ސަރުކާރެއް ޤާއިމް ކުރުމެވެ. ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު ކޯލިޝަންގެ ވެރިކަމެއް ދަމަހައްޓައި، އެޔަގީންކަން އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހުކަން އެމަނިކުފާނު ވަނީ ސިޔާސީ ލީޑަރުންނަސް ކަށަވަރު ކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ