އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރާ ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ބުނެ ދައްކާ ވާހައަކީ އެމްޑީޕީގެ މެމްބަރުންނަށް ކުރާ މަލާމާތެއް ކަމުގައި ޑިފެންސް މިނިސްޓަރ އަދި ރައީސް ޞާލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ނަޝީދުގެ ކެމްޕެއިން ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި އޮތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ޕްރައިމަރީގައި ވާދަ ކުރައްވާ ނަޝީދަށް ތާއީދު ކުރާ ނަމަ ވަޒީފާގައި ނުތިބެވޭނެ ކަމަަށް އެކި މިނިސްޓްރީތަކުން މުވައްޒަފުންނަށް އަންގަމުންދާ ކަމަށެވެ. މި ނާތަހްޒީބު ބިރުދެއްކުމުގެ ޢަމަލުތަކާއި ސަރުކާރުން ނާޖާއިޒް ނުފޫޒު ބޭނުންކުރުމުގެ އަމަލުތަކަކީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެއިރު އޮތް ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ޑީއާރްޕީގެ ސަރުކާރުން ފެށިގެން އައިސްފައިވާ ކަންތައްކެއް ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ ފަރާތުން ނެރުނު ބަޔާނަށް ރައްދު ދެއްވައި ރައީސް ޞާލިހުގެ ތަރުޖަމާން މާރިޔާ ދީދީ ވިދާޅުވީ އެމްޑީޕީއަކީ ވަޒީފާގެ ބިރޭކިޔައިގެން ވާހަކަ ދެއްކި ނަމަވެސް އަދި އެބިރު ދެއްކި ނަމަވެސް އެއަށް ބެލުމެއްނެތި މަސައްކަތްކުރި މެމްބަރުން ހިމެނޭ ޕާޓީއެއްކަމަށެވެ. މިއަދު ވަޒީފާގެ ބިރޭ ކިޔައިގެން އެމްޑީޕީގެ މެމްބަރުންނަށް ކުރާ ތުހުމަތުތަކަކީ މެމްބަރުންނަށް ކުރާ ބޮޑު މަލާމާތެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަ ކުރައްވާފައެވެ.
އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ. ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މި ބިޔަ ބޮޑު ޕާޓީގެ ހިއްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް!
– މާރިޔާ ވިދާޅުވިއެވެ.
ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ އޮފީސްތައް ބޭނުންކޮށް ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރިން މަގާމުގެ ނާޖާއިޒް ބޭނުންހިފަމުންދާ ކަމުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް ބުނެފައެވެ.
އަދި މުވައްޒަފުންނަށް ބިރު ދެއްކުން ހުއްޓާލަން ގޮވާލައި ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތުން 2018 ގައި ނުކުމެ ވެރިކަން ބަދަލުކުރަން ވޯޓުލީ އެތައް ކަމެއް އަލުން އިޔާދަވަމުންދާކަމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރަމުން އަންނަ ކަމަށެވެ.