"ޓޯނިވަލް" ގެ ނަމުގައި އިންޑިއާގެ ނަން މަޝްހޫރު ގިން ފަންނާނުންނާއި އެކުގައި މާލޭގައި ބޮޑު ބިޔަ އިވެންޓެއް ބޭއްވުމަށް ނިންމައި އެކަން އިޝްތިހާރު ކުރަން ފަށައިފިއެވެ.
"ޓޯނިވަލް" ގެ އިންސްޓްގާމް ޕޭޖުގައި އަންނަނީ މިކަން އިޝްތިހާރު ކުރަމުންނެވެ. އިންޑިއާގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ތަރިންވެސް ބައިވެރިވާ މި އިވެންޓް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ. އިންޑިއާގެ ފުރަތަމަ ސެލެބްރިޓީ ކާނިވަލްގެ ނަމުގައި އުފައްދާފައިވާ "ޓޯނިވަލް" މާލޭގައި ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 27 28 އަދި 30 ވަނަ ދުވަހަށެވެ.
ތަފާތު އެކި ހަރަކާތްތަކާއި އެކުގައި ކުރިއަށް ގެންދާ މި އިވެންޓްގެ ފުރަތަމަ ދުވަހުގައި އޮންނާނީ ސެލްބްރިޓީންގެ ފުޓްބޯޅަ މެޗެއްގެ އިތުރުން މިއުޒިކް ކާނިވަލްއެކެވެ. މި އިވެންޓް ތަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ ނެޝެނަލް ސްޓޭޑިއަމްގައިއެވެ. އަދި 28 ވަނަ ދުވަހުގެ ހަރަކާތަށް އޮންނާނީ ދަރުބާރު ގޭގައިއެވެ. މީގެ އިތުރުން މި އިވެންޓް ނިންމުން އޮންނަ 30 ވަނަ ދުވަހުގެ ހަރަކާތްތަށް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭ އެގްޒެބިޝަން ހޯލުގައިއެވެ.
މި "ޓޯނިވަލްގައި ކުރީގެ އެކްޓަރު އަފްތާބް ޝިވްދަސާނީ އާއި "3 އިޑިއަޓްސް" އާއި "ހޭޓް ސްޓޯރީ 3″ އާއި "ގޯލްމާލް" ފްރެންޗައިޒްގެ ފިލްމުތަކުގައި މަަސައްކަތްކޮށްފައިވާ ޝަރުމަން ޖޯޝީ އާއި ސަޕޯޓިން ރޯލުތައް ކުޅޭ އެކްޓަރު ރޯނިތު ރޯއި ހިމެނެ އެވެ. އަދި އެކްޓަރު ރާހުލް ރޯއީ އާއި އި ބޮލީވުޑްގެ އެތައް ފިލްމަކަށް ލަވަކިޔާފައިވާ ޕަލަކް މުއްޗަލް އާއި އޭނަގެ ކޮއްކޮ މިއުޒިކް ޑައިރެކްޓަރު/ފިލްމު ޑައިރެކްޓަރު ޕަލާޝް މުއްޗަލް ވެސް މި އިވެންޓްގައި ބައިވެރިވާނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ތަރިންވެސް މި އިވެންޓުގައި ބައިވެރި ވާނެއެވެ. އެގޮތުން ޔޫއްޕެ، ސީޒަން، ރާފިއަތު ރަމީޒާ، ޖާދު، ތޭރަވާ، ކޮޕީ އިއްސެ އަދި ކާއްޓޭ ފަދަ ފަންނާނުން ހިމެނެއެވެ.