އިދިކޮޅު ޖަލްސާއަށް ފުރުސަތު ދެއްވީ ރައީސްގެ ހިތްވަރުފުޅު ގަދަކަމުން: އިމްރާން

އިދިކޮޅު ޖަލްސާއަށް ފުރުސަތު ދެއްވީ ރައީސްގެ ހިތްވަރުފުޅު ގަދަކަމުން: އިމްރާން

Author
ޢަލީ އާދަމް
05 ޖެނުއަރީ 2023 12:10
0

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެމްޕެއިނުގައި ރައީސްގެ ޚާއްސަ ޖަލްސާއެއް އެމްޑީޕީ މައި ހަރުގޭގައި ކުރިއަށްދިޔަވަގުތު އިދިކޮޅު ފަރާތްތަކުގެ އެއްވުމެއް ޖެހިގެން އޮތް އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދަން ފުރުސަތު ދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެތްތެރިކަން ދޭހަކޮށްދޭ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ބާއްވަވާ ޖަލްސާއެއް އޮންނަ ސަރަހައްދެއްގެ ވަސް ފޯރާ ހިސާބެެއްގައިވެސް އިދިކޮޅު ޖަލްސާއެއް ބާއްވަން ފުރުސަތެއް ނޯންނާނެކަން ޕީޕީއެމް މީހުންވެސް ޤަބޫލުކުރާނެކަމަށެވެ.

އެހެންނަމަވެސް މަގުގެ އަނެއް ފަރާތުގައި މިނިވަންކަމާއެކު އިދިކޮޅު އެއްވުމެއް ކުރިއަށްދަނިކޮށް އެއެއްވުމަށް ފުރުސަތު ދެއްވައިގެން ރައީސް ޖަލްސާ ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި ހިތްވަރުފުޅު ގަދަކަން އަންގައިދޭ ކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ. މިއިން ދޭހަކޮށްދެނީ ހަމަފުރުސަތު ދީގެން ކުރިއަށް ވަޑައިގަތުމުގައި ރައީސްގެ ޤާބިލްކަން ހުރި މިންވަރުކަންކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ރޭ ރައީސް ޞާލިޙް ބޭއްވެވި ކެމްޕެއިން ޖަލްސާ އެމްޑީޕީ ހަރުގޭގައި ބޭއްވަން އިއުލާންކުރުމުގެ މާކުރިންވެސް ޕީޕީއެމްއިން އާޓިފިޝަލް ބީޗުގައި އެއްވުމެއް ބާއްވަން އޮތީ ހަމަޖައްސައި އެކަމަށް ބޭނުންވާ ހުއްދަތައްވެސް ނަގާފައިކަމަށް އެޕާޓީން ބުނެއެވެ. އަދި ރައީސްގެ ޖަލްސާއާ ގުޅިގެން އެންމެ ފުރަތަމަ ސަލާމަތީ ބާރުތަކުން އެސަރަޙައްދު ބަންދުވެސް ކުރިއެވެ. އެހެންނަމަވެސް ފަހުން އެތަން ހުޅުވައި އިދިކޮޅު ފަރާތްތަކުން އެއްވުން ބާއްވަން ވަނީ ފުރުސަތު ދީފައެވެ.

މާލޭގެ ޢާންމު މއިޒާއިންތަކާއި ކާނިވާ ސަރަޙައްދުތަކުގައި އެކިއެކި ޙަރަކާތްތައް ބާއްވަން އެތަންތަން ދޫކުރަނީ މާލޭ ސިޓީ ކައުންސިލުންނެވެ. ސިޓީކައުންސިލުގެ މެޖޯރިޓީ އޮތީ އިދިކޮޅު ފަރާތްތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.