ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އޮތް ބައެއް ބޭފުޅުން ރިޔާސީ ޓިކެޓް ހޯދުމަކީ ޖަލަށް ލެވިގެން ކުރެވެން އޮތް ކަމެއްކަމަށް ދެކި އެގޮތަށް މަސައްކަތް ކުރައްވަމުންދާތަން ފެންނަ ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވުމަށް އިއުލާން ކުރައްވާފައިވާ ރައީސް ޔާމީން ޖަލަށް ލުމާއި ގުޅިގެން އެޕާޓީން ކުރަމުންދާ މުޒާހަރާތަކުގައި ޕާޓީގެ އިސްބޭފުޅުން ފުލުހުންގެ ބަންދަށް ގެންދާތީ އެކަމާއި ގުޅިގެންކަމަށް ބެލެއެވެ.
ޚާއްސަކޮށް މިޓުވީޓަކީ މިހާރުގެ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ އަދާލަތު ޕާޓީގެ އިސްސަފުގައިވެސް ހަރަކާތްތެރިވި ޑރ.މުއިއްޒު ރޭގެ މުޒާހަރާތެރެއިން ހައްޔަރު ކުރުމާއި ގުޅިގެން މުއިއްޒުއަށް އަމާޒުކުރި ޓުވީޓެއްކަމަށް ބެލެވެއެވެ. އިމްރާން ވިދާޅުވީ ބައެއް ބޭފުޅުންނަށް އިދިކޮޅު ރިޔާސީ ޓިކެޓް ލިބެނީ ޖަލަށް ގޮސްގެންކަމަށް ހީވި ނަމަވެސް އެކަން އޮތީ އެގޮތަނަށް ނޫންކަން ފެންނަ ގިނަ ހެކިތަކެއްވެސް ހުރިކަމަށެވެ.
ރިޔާސީ ކެނޑިޑޭޓެއް ކަމަށް ޝަރުތު ހަމަވަނީ ޖަލަށްލެވިގެން ކަމަށް ދެކި ޖަލަށް ވަނުމުގެ ވާދަވެރިކަމެއް ބައެއް ބޭފުޅުންގެ މެދުގައި އުފެދިގެން ދާތަން އެބަ ފެނެއެވެ. މިފަހަރު ކެނޑިޑޭޓްކަން ދެވެނީ އެކަމަށް ބަލައިގެން ނޫންކަމަށް ބެލެވޭ ގިނަ ކަންކަން ފެންމަތި ވަމުން އެދެއެވެ.
– އިމްރާން ވިދާޅުވިއެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފައިވަނީ މިދިޔަ މަހުއެވެ. އެހެންވެ، އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި ކޮންމެ ރެއަކު ހެން މާލޭގައި މުޒާހަރާ ކުރެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި މުޒާހަރާ ތެރެއިން މުއިއްޒު ވަނީ ހައްޔަރުކޮށްފައެވެ. އަދި އަތޮޅުވެއްސަށް ގެންދިއުމަށް ފަހު، މުއިއްޒު ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފައެވެ.
އަތޮޅުވެހި ބޭރުގައި ހުންނަވައި މީޑިއާތަކާއި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މުޒާހަރާގެ ބައިވެރިން އަބަދުވެސް އަމަލުތައް ބަހައްޓަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އިހްތިޖާޖު މިއަށް ވުރެ ވަރުގަދަ ވެގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމަލުތައް ބަހައްޓަނީ ގާނޫނާ ހިލާފަށް އެއްވެސް ކަހަލަ އިންސާފުވެރި ގޮތަކަށް ނޫނެވެ. އަދި ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް އެކަމާ ކަންބޮޑުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ގަބޫލު ކުރަނީ އެބޭފުޅުންގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ. ނަމަވެސް ރައީސް ޔާމީން ޖަލަށް ލުމާއިއެކު ރިޔާސީ ޓިކެޓް ހޯދުމުގެ ޝައުގުހުރި ބޭފުޅުން އެކި ގޮތްގޮތުން ޓިކެޓް ހޯދުމަށް މަސައްކަތް ކުރަމުންދާކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.