ތަހުގީގް ކުރިއަށްދަނިކޮށް، ދުވާފަރު ދެ ކައުންސިލަރަކު އަލުން އޮފީހަށް!

ތަހުގީގް ކުރިއަށްދަނިކޮށް، ދުވާފަރު ދެ ކައުންސިލަރަކު އަލުން އޮފީހަށް!

ގުޅުންހުރި

ރ.ދުވާފަރު ކައުންސިލުގެ ބޮޑު ޚިޔާނާތާއި ގުޅިގެން ކައުންސިލަރުން ސަސްޕެންޑްކޮށް، ތަހުގީގު ހިނގަނިކޮށް، ދެ މެމްބަރެއްގެ ސަސްޕެންޝަން ހަމަވުމުން އަލުން ވަޒީފާއަށް ނުކުމެއްޖެއެވެ.

ވަޒީފާ އަށް އަލުން ނިކުންނަވަން ފެއްޓެވީ ކައުންސިލަރު އައިމިނަތު ސޮލާހް އާއި މަރިޔަމް ޔަޝްފާއެވެ. މި ދެ ބޭފުޅުން ވަޒީފާ އަށް އަލުން ނިކުންނަވަން ފެއްޓެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

ދުވާފަރުގެ ހުރިހާ ކައުންސިލަރުން (ޖުމްލަ ހަތް ކައުންސިލަރުން) ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ދުވާފަރު ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރީ ކައުންސިލަރުންނާއި ދުވާފަރު ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.

ދުވާފަރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން ޢާންމުކުރި ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ކައުންސިލްގެ ތެރޭގައި ނަހަމަ ގޮތުގައި ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކެވެ. އެގޮތުން ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވުމާއި، ބިޑް ކުރުމާއި ނުލާ ކައުންސިލްގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް މަސައްކަތްތައް ހަވާލުކުރުމާއި، ލިޔެކިޔުން ނެތް ފައިސާގެ އެތައް މުޢާމާލަތްތަކެއް ކޮށްފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން އޭސީސީގެ ހާއްސަ ތަހުގީގު ޓީމެއް ވަނީ ދުވާފަރަށް ގޮސްފައެެވެ. އޭސީސީގެ ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު އެ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް އުސޫލުތަކާއި ހިލާފަށް ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށް ކޮމިޝަނުން ބުނެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހަށް އޭސީސީގެ ތަހުގީގު ޓީމު ދުވާފަރުގައި ތަހުގީގު ހިންގުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މައްސަލައިގެ ތަހުގީގު ވަނީ ނިންމާފައެވެ. އަދި ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ. ދުވާފަރު ކައުންސިލްގެ ހިޔާނާތާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް ވެސް ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލައިގައި ކައުންސިލް ރައީސްގެ އެކައުންޓަށްް ފައިސާ ޖަމާކޮށްފައި ނުވި ނަމަވެސް، އެލްޖީއޭއިން އެންމެ ބޮޑު ސަސްޕެންޝަނެއް ކުރީ އޭނާ އަށެވެ. ސަބަބެއް ކަމަށް ބުނީ ޒިންމާއަކާ ހަވާލުވެ ހުރެ އެކަން ރަނގަޅަށް ނުބެލުމެވެ. އެއީ ގާނޫނުގައިވާ ގޮތުގެ މަތިން މިފަދަ ފިޔަވަޅެއް އެޅޭނެ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ