ފާއިތުވެދިޔަ 2022ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި އެކިއެކު ކޫށްތަކުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކުށްތަކުގެ މައްސަލަތަކާ ބެހޭގޮތުން ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު، ދެވަނައަށް އެންމެ ގިނައީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލައެވެ. ވައްކަން ކުރުމުގެ 3970 މައްސަލަ މިދިޔަ އަހަރު ހުށަހެޅިއިރު، މަގުމަތީގެ އެކްސިޑެންޓުތަކުގެ 1608 މައްސަލަ ހުށަހަޅާފައިވެއެވެ.
އެހެނިހެން ބައެއް ބާވަތްތަކުގެ މައްސަލަތަކަށް ބަލާއިރު މުދަލަށް ގެއްލުން ދިނުމުގެ 475 މައްސަލައާއި މަކަރާއި ހީލަތް ހެދުން 908 މައްސަލައާއި ޖިންސީ ގޯނާގެ 331 މައްސަލައާއި، އަނިޔާ ކުރުމުގެ 515 މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ.
މީގެއިތުރުން ގެވެށި އަނިޔާ 227 މައްސަލައާއި ފޭރުމުގެ 374 މައްސަލައާއި ފޯޖް ކުރުމުގެ 116 މައްސަލައާއި މަސްތުވާތަކެއްޗާ ގުޅޭ 1423 މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ.
އަދި ޗެކް ބައުންސް ވުމުގެ 15 މައްސަލައާއި އެއްޗެހި ގެއްލުމުގެ 1410 މައްސަލަ މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ