އެޗްޑީސީ އޮޑިޓް: ކުރީ ސަރުކާރުގަ، ހުޅުމާލޭ މަގުތައް އަލިކުރުމަށް، 53 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ އުސޫލާއި ޚިލާފަށް

އެޗްޑީސީ އޮޑިޓް: ކުރީ ސަރުކާރުގަ، ހުޅުމާލޭ މަގުތައް އަލިކުރުމަށް، 53 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ އުސޫލާއި ޚިލާފަށް

ކުރީ ސަރުކާރުގައި އެޗްޑީސީން ހުޅުމާލޭ މަގުތައް އަލިކުރުމަށް ބޭނުންވާ ތަކެތި ހޯދާ، މަގުބައްތި ހަރުކުމުގެ މަސައްކަތްވެސް ކޮށްފައިވަނީ ޕްރޮކިއުމަންޓު އުސޫލާއި ޚިލާފަށްކަމުގައި، އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ 2017-2018ވަނަ އަހަރުގެ އެކުންފުނީގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މިރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ހުޅުމާލޭ މަގުތައް އަލިކުރުމަށް ބޭނުންވާ ތަކެތި 26 މިލިއަން ރުފިޔާއަށް ރާއްޖެއިން ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް އެޗްޑީސީން ގަނެފައިވާއިރު، އެތަކެތި ގަތުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ ކުރިން އެޗްޑީސީން އެ މަސައްކަތުގެ އެސެސްމަންޓެއް އަދި އިލެކްޓްރިކަން ކޭބަލް ލޭއައުޓު ޑިޒައިން މަރުހަލާ ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. އަދި އާންމު ބީލަމުގެ އުސޫލުން ބޭރުން ސިންގަލް ސޯސް އުސޫލުން އެ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދާފައިވަނީ ސިންގަލް ސޯސް އުސޫލުން އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ސަބަބެއް މެދުވެރިވެގެން ނޫންކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ހަމަ އެއާއެކު، މަގުބައްތި ހަރުކުމުގެ މަސައްކަތްވެސް މަގުބައްތި ސަޕްލައިކުރި ރާއްޖެއިން ބޭރުގެ ކުންފުންޏާއި 26.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ އެ މަސައްކަތް ހަވާލުކުރުމަށް ވާދަވެރި ބީލަމަށް ހުޅުވާލާއިގެން ނޫން ކަމަށާއި، އަދި މަގުބައްތިތައް ހަރުކުރުމަށް ބޭނުންވާ ތަކެތި ގަންނަން ވެފައިވާ އެއްބަސްވުމުގައިވެސް މަގުބައްތި ހަރުކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމާގުޅޭ އެއްވެސް މާއްދާއެއް ހިމަނާފައި ނުވާއިރު، މަގުބައްތިތައް ހަރުކުރުމުގެ މަސައްކަތްވެސް ސިންގަލް ސޯސް އުސޫލުން ހަވާލުކޮށްފައިވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން ސިންގަލް ސޯސް އުސޫލުން އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ސަބަބެއް މެދުވެރިވެގެން ނޫންކަމަށްވެސް އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ހުޅުމާލޭ މަގުތައް އަލިކުރުމަށް ހޯދާފައިވާ މަގުބައްތިތައް ހަރުކުރުމުގެ މަސައްކަތް ވާދަވެރި ބީލަމުގެ އުސޫލާއި ޚިލާފަށް އެޗްޑީސީން ކުރިޔަށް ގެންގޮސްފައިވާތީ އާއި، އާންމުކޮށް އިއުލާނު ނުކޮށް، ވަކި ފަރާތަކާއި މަސައްކަތް ހަވާލުކުރުމުގެ ހުއްދަ އެޗްޑީސީގެ ބޯޑުން ދީފައިވާއިރު، މިގޮތަށް ހުއްދަކުރި ސަބަބު އެގެން ނެތުމުން މިމަސައްކަތް އެޗްޑީސީން ކޮށްފައިވަނީ އެ ކުންފުންޏަށް އެންމެ ފައިދާހުރި ގޮތުގައިކަން ޔަގީން ކުރެވިފައެއް ނުވެއެވެ.

އަދި މަގުބޫލު ސަބަބަކާއި ނުލައި، ވާދެވެރި ބީލަމުގެ އުސޫލުން ހޯދަންޖެހޭ މުދަލާއި ޚިދުމަތްތައް ބީލަމުގެ އުސޫލުން ބޭރުން ވަކި ފަރާތަކަށް މަސައްކަތް ހަވާލުކުރުމުން މިފަދަ މަަސައްކަތްތައް ކޮށްދިނުމުގެ ގާބިލަކަންހުރި އާންމު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިގެން ދިއުމަށް ހުރަސް އެޅުމާއި، އެޗްޑީސީއަށް އެންމެ ފައިދާ ބޮޑު ހުށަހެޅުންތައް ހޯދުމަށް އޮންނަ ފުރުސަތުވެސް ގެއްލިގެންދާނެކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވއެވެ.

އެޗްޑީސީން ގަވާއިދާ ޚިލާފަށް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި އިތުރު ކަންކަމުގެ ތެރޭގައި، އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި "މުހައްމަދު ގާސިމް ސްކޫލުް" (ޕްރީ ސްކޫލް) އިމާރާތް ބެލެހެއްޓުން 2 ޖުލައި 2018 އިން ފެށިގެން 1 ނޮވެމްބަރު 2018ގެ ނިޔަލަށް އަމިއްލަ ފަރާތަކާއި އެޗްޑީސީން ހަވާލު ކޮށްފައިވާއިރު، އެތަނުގައި އެ ދުވަސްވަރު ހިންގި އެޗްޑީސީގެ މަސައްކަތްތަކާއި ގުޅުމެއް ނެތް ހަރަކާތްތަކެއްގައި އެޗްޑީސީގެ ބައެއް މުވައްޒަފުން ބައިވެރިކޮށް އަދި އެޗްޑީސީގެ ބައެއް އެހެން ވަސީލަތްތައް އެޗްޑީސީގެ މަސައްކަތާއި ގުޅުމެއް ނެތް ހަރަކާތްތަކެއްގައި ބޭނުންކޮށްގައިވާ މައްސަލަވެސް ހިމެނެއެވެ.

އޭގެ އިތުރުންވެސް، ހުޅުމާލޭ ޔޫތު ސިޓީ ޕްރޮމޯޓު ކުރުމުގެ ނަމުގައި އެޗްޑީސީން ޚަރަދު ކޮށްގެން 2018ވަނަ އަަހަރު ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައި ތައްޔާރު ކުރުވާފައިވާ ބެނަރ/ޕޯސްޓަރުތަކާއި ގުޅޭ ޚަރަދު ތަކަކީ ހުޅުމާލޭ ޔޫތު ސިޓީ ޕްރޮމޯޓު ކުރުމަށް ކޮށްފައިވާ ޚަރަދުތަކަށްވުރެ ބޮޑަށް އެޗްޑީސީގެ މަސައްކަތްތަކާއި ގުޅުމެއް ނެތް ހަރަކާތްތަކަށް ކޮށްފައިވާ ޚަރަދުތަކެއްކަމަށް ބެލެވޭކަމަށްވެސް، އެޗްޑީސީގެ 2017-2018ގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް މި އޮޑިޓް ރިޕޯޓުގައިވަނީ، 2018ވަނަ އަހަރު އެޗްޑީސީން ގަވާއިދާ ޚިލާފަށް، ފައިސާގެ ބޮޑެތި އަދަދުތައް ހޭދަކޮށްގެން ކޮށްފައިވާ ގިނަ މަސައްކަތްތަކުގެ ތަފްސީލުތައްވެސް ހިމަނާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *