މުދަލާއި ޚިދުމަތުގެ އަގުންނަގާ ޓެކްސް، ޖީއެސްޓީޢާއި، ޓޫރިޒަމް ދާއިރާގެ ޓެކްސް، ޓީޖީއެސްޓީ މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
މިއަދުން ފެށިގެން.ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8އަށް ވަނީ ބޮޑުކޮށްފައެވެ. ޓެކްސް ބޮޑުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށައެޅި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވީ މިދިޔަ މަހުއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީވެސް ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ. އެ ފިޔަވަޅުތައް ނާލައިފިނަމަ އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ލަފާކުރެވޭކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމު ކުރުމާށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުންވެސް ޚަރަދުކުޑަކުރުމަށް ހިމަނާފައިވެއެވެ.
ރާއްޖެއިން ޓެކުހަށް ގެންނަން ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ބުނެފައެވެ. ރާއްޖޭގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިއެވެ.