ކޮވިޑް-19 އިން ރަނގަޅުވެ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި މުޙައްމަދު ސަލާހު ބައިވެރިވާން ފަށައިފި އެވެ.
ލިވަޕޫލުގެ ކޯޗް ޔާގެން ކްލޮޕް ބުނީ އެންމެ ފަހުން ހެދި ޓެސްޓުތަކުން ސަލާހު ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށާއި، އެހެންކަމުން އެޓީމުން ހޯމަ ދުވަހު ބާއްވާ ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވާނެ ކަމަށެވެ. އަދ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ކުރިން ޔުއެފާއިން ހަދާ ޓެސްޓުތަކުގެ ނަތީޖާއަށް ބެލުމަށްފަހު، މި ހަފުތާގައި ޗެމްޕިއަންސް ލީގުގައި އެޓްލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުންޏެވެ.
ސަލާހް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ބައިނަލްއަގުވާމީ ބްރޭކުގައި ފަރިތަކުރަމުން ދަނިކޮށެވެ. މި މަހުގެ 12 ވަނަ ދުވަހު މިސްރުގެ ކުޅުންތެރިން ވައިރަހަށް ޓެސްޓު ކޮށްފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވީ ސަލާހު އެކަންޏެވެ. އެއާއެކު ސަލާހު ވަނީ ސެލްފް-އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ.
ބަލީގެ އެއްވެސް އަލާމާތެއް ސަލާހުގެ ހަށިގަނޑުން ފެނިފައި ނުވާއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހު އޭނާ ވަނީ ކޮވިޑް-19 އަށް ދެވަނަ ފަހަރަށް ޓެސްޓު ކޮށްފައެވެ. އަދި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވް ކަމަށް މިސްރުގެ ފުޓްބޯޅަ އިދާރާއިން ހާމަކުރިއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ސަލާހަށް ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މިސްރުން ކުޅުނު ދެ މެޗުވެސް ގެއްލިފައެވެ. އެއީ ކޮލިފައިންގައި އަމިއްލަ ގައުމުގައާ ރަށުން ބޭރުގައި ޓޯގޯ އަތުން މިސްރު މޮޅުވި ދެ މެޗެވެ.
ކޮމެންޓު ފޮނުވާ