ސްޕެނިޝް ލީގުގައި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ދެން މި ސީޒަނުގައި ނުކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕީކޭގެ ކަކުލަށް އަނިޔާވުމާ ގުޅިގެން ހެދި ސްކޭންތަކުން އެނގުނީ އޭނާ ކަކުލުގެ ލިގަމެންޓަށް ބޮޑު ގެއްލުމެއްވެފައިވާ ކަމަށެވެ. އޭނާގެ ސްކޭންތައް ބެލި ޑޮކްޓަރާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މިހާރު ފެންނަ ފެނުމުގައި ޕީކޭ އެއްކޮށް ރަނގަޅުވެ އެނބުރި ދަނޑަށް އަންނަން މަދުވެގެން 6 މަސް ނަގާނެ އެވެ. އަދި ކުރިން ޕީކޭ އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހުރެ އޭނާގެ ރިކަވަރީ ލަސްވެއްޖެނަމަ އޭނާ އަށް އަލުން ކުޅެވޭވަރު ވާނީ 8 މަސް ފަހުން ކަމަށް ޑޮކްޓަރާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ބާސެލޯނާއަށް މުހިންމު މެޗުތަކެއް ކުރިޔަށް އޮއްވާ ޓީމުގައި ހިމެނޭ ޒުވާން ތަރި އަންސޫ ފާޓީގެ ކަކުލަށް އަނިޔާވުމުން އޭނާއަށް ވެސް ވަނީ 4 މަހަށް ކުޅުމާ ދުރަށް ދާންޖެހިފަ އެވެ.