އެންމެ ފަހުގެ ފޮޓޯ ހިއްސާ ކުރަމުން ޕެލޭގެ ދަރިފުޅު ބައްޕައަށް އަދާކުރީ ހިފެހެއްޓުމެއް ނެތް ޝުކުރު!

އެންމެ ފަހުގެ ފޮޓޯ ހިއްސާ ކުރަމުން ޕެލޭގެ ދަރިފުޅު ބައްޕައަށް އަދާކުރީ ހިފެހެއްޓުމެއް ނެތް ޝުކުރު!

ދުނިޔޭގެ ތާރީޚު ދުށް އެންމެ ކުޅަދާނެ ފުޓުބޯޅަ ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭގެ އެންމެ ފަހުގެ ވަކިވެދިއުމާއެކު އޭނާގެ ދަރިފުޅު ޕައްބަގެ އެންމެ ފަހުގެ ފޮޓޯ ހިއްސާކުރަމުން "ބައްޕައަށް ލޯތްބާއެކު ޝުކުރު" އަދާ ކޮށްފިއެވެ.

ޕެލޭ މަރުވެފައިވަނީ އުމުރުން 82 އަހަރުގައި، ކެންސަރު ބައަޔަށް ފަރުވާ ހޯއަދަވަމުން ގެންދަނިކޮށެވެ.

ރޭގެ ވަގުތެއްގައި ޕެލޭ މަރުވުމާއެކު އޭނާގެ ދަރިފުޅު ކެލީ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ފޮޓޯގައި ދައްކުވައި ދީފައިވަނީ ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮއްވާ އާއިލާގެ ހުރިހާ މެމްބަރުން އަތާ އަތް ގުޅާލާގެން ނަގާފައިވާ ފޮޓޯގެ މަންޒަރެކެވެ.

3 ފަހަރަށް ވާރލްޑްކަޕް ތަށި ކާމިޔާބު ކޮށްފައިވާ ޕެލޭއަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށާފައިވަނީ ފާއިތުވި ނޮވެމްބަރު މަހުއެވެ. ޕެލޭގެ ދަރިފުޅު އޭރު ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާގެ ބައްޕަ މިއަހަރުގެ ކުރިސްމަސް ހޭދަކުރާނީ ހޮސްޕިޓަލުގައި ކަމުގައެވެ.

ފާއިތުވެދިޔަ ނޮވެމްބަރު މަހުން ފެށިގެން ޕެލޭއަށް ފަރުވާ ދެމުން އައިސްފައިވަނީ ބްލެޒިލްގެސައު ޕައުލޯގެ އަލްބާރޓް އެންސްޓެއިން ހޮސްޕިޓަލުގައެވެ.

"އަހަރެމެން ދޭން އޮތް ހުރިހާވެސް އެއްޗަކީ ބައްޕައަށް އަދާ ކުރާންޖެހޭ ޝުކުރު،" ޕެލޭގެ ދަރިފުޅު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ލިޔެފައި ވެއެވެ. "އަހަރެމެން ބައްޕަދެކެ އިންތިހާއަށް ލޯބިވަން. ހެޔޮ ދުއާ ކުރަން."

ޕެލޭގެ ވަކިވެ ދިއުމަށްފަހު ދަރިފުޅު ކެލީވަނީ "އާއިލާއަށް ފުން ހިތާމައެއް ބަރުދާސް ކުރަން ޖެހިފައިވާކަމަށް" ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. އެ ޕޯސްޓު ހިއްސާ ކޮށްފައިވަނީ، އޭނާގެ ތައްދަ ފްލާވިއާއާއި ޕެލޭގެ ކާފަ ދަރިންކަމަށްވާ އޮކްޓާވިއާ ފެލިންޓޯ އަދި ގެބްރިއެލް އަރާންޓޭސްއާއެކު ނަގާފައިވާ ފޮޓޯއަކާ އެކީއެވެ.

"މިއީ ދުލުން ބަޔާންކުރުންވެސް ދަތި ވަގުތުތަކެއް. ބައެއް ފަހަރަށް އަހަރެމެން ހިތާމައާއި ހިތްދަތި ކަމުގައި ތިބެން. އަނެއްބައި ފަހަރަށް ހުނުމާއި މަޖަލުގައި މާޒީގެ ވާހަކަ ކިޔައިދޭން ތިބެން،" ކެލީ ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.

ޕެލޭގެ ވަކިވެ ދިއުމަށްފަހު ކެލީވަނީ އޭނާގެ ބައްޕައަށް ފަރުވާ ކޮށްދިން ހޮސްޕިޓަލުގެ އެންމެހާ މުއައްޒަފުންނަށްވެސް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކޮށްފައެވެ.

"ވަރަށް ފަރުވާތެރިކަމާއެކު ވަރަށް ތަޖުރިބާކާރު މުވައްޒަފުން އަހަރެމެންގެ ބައްޕައަށް ލޯތްބާއެކު ފަރުވާކުރިތައް އަހަރެމެން ދެކުނިން، އެމީހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިން." ކެލީ ލިޔެފައި ވެއެވެ. "އަދާކުރި އިހުތިރާމާއި، ދިން ފަރުވާ ދުވަހަކުވެސް އަހަރެމެން ހަދާނެއް ނުނެތޭނެ. މި ހިތާމަވެރި ދަނޑިވަޅުގައިވެސް އަހަރެމެންނަށް ކޮށްދެވެން އޮތްހާވެސް ކަމަކީ ޝުކުރު އަދާކުރުން."

ޕެލޭއަށް ފަރުވާ ދެމުންދިޔަ އިސްރާއީލިޓާ އަލްބާރޓް އެންސްޓަން ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވަނީ "ޕެލޭގެ ކެންސަރުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި، އެހެންކަމުން ރީނަލް އަދި ކާޑިއޭކް ޑިސްފަންޝަންއާއި ގުޅުންހުރި އިތުރު ފަރުވާ" ދޭންޖެހިފައިވާ ކަމުގައެވެ.

ޕެލޭގެ ކޯލޯން (ބޮޑު ގޮހޮރު)އިން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ވަނީ އޮޕަރޭޝަން ކޮށްގެން ޓިއުމަރއެއް ނަގާފައެވެ. އެއަށްފަހު ޕެލޭވަނީ ގަވާއިދުން ފަރުވާ ހޯދަމުން ގެންގޮސްފައެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ޕެލޭއަކީ ބްރެޒިލްއަށް މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ 92 މެޗްކުޅެ، 77 ގޯލް ކާމިޔާބު އެގައުމަށް ކާމިޔާބު ކޮށްދީފައެވެ. އަދި 1958 ވަނަ އަހަރާއި 1962 ވަނަ އަހަރާއި 1970 ވަނަ އަހަރުގެ ވާރލްޑްކަޕް މުބާރާތް ބްރެޒިލްއިން ކާމިޔާބު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކޮށްފައިވނީ ޕެލޭއެވެ.

ޕެލޭގެ ފުޓުބޯޅައިގެ ހަޔާތުގައި ކުޅުނު 1،363 މެޗް (ރަހުމަތްތެރިކަމުގެ މެޗްތައްވެސް ހިނަމައިގެން) ގައި 1،279 ގޯލް ޖަހާފައިވާއިރު، މި ކާމިޔާބީ ވަނީ ދުނިޔޭގެ ގިނެސް ވާރލްޑް ރެކޯޑު ފޮތަށްވެސް އަރާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *