6 ވަނަ ފަހަރަށް ނަތަންޔާހޫ އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ.
އިސްރާއީލުގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަތަންޔާހޫ ބޮޑުވަޒީރުކަން ގެއްލުނުތާ 18 މަސް ދުވަސްފަހުން އަނެއްކާވެސް އިސްރާއީލުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންފައިވާއިރު، މިފަހަރު އޭނާ ހައްދަވާފައި ކޯލިޝަންއަކީ އިސްރާއީލުގެ ތާރީޚުގައިވެސް އެގައުމުގެ ވެރިކަމަށް އައިސްފައިވާ ކަނާތުފިޔައިގެ، އެންމެ ބޮޑަށް ހައްދު ފަހަނައެޅި ސަރުކާރެވެ.
ނަތަންޔާހޫ މިފަހަރު އުފެއްދި ކޯލިޝަން ސަރުކާރުގެ މުހިންމު ބައެއް މަގާމްތަކަށް އޭނާގެ ލިކުޑް ޕާޓީގެ މެމްބަރުން ވަޑައިގަންނަވާއިރު، އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރުކަމާއި، ފޮރިންގ މިނިސްޓަރުކަމާއި، ޖަސްޓިސް މިނިސްޓަރުކަން ހިމެނެއެވެ. އެހެންނަމަވެސް ނަތަންޔާހޫ ކޯލިޝަން ހައްދަވާފައިވަނީ އަލްޓްރާ އޯތޮޑޮކްސް ޔަހޫދީ ޕާޓީތަކާއެކު ކަމަށް ވުމާއެކު، އޭނާގެ ކެބިނެޓްގެ ބައެއް މުހިންމު ވުޒާރާތަކަށް ވަޑައިގެންފައިވަނީ ފަލަސްތީނުގެ ދައުލަތެއް އޮވެގެން ނުވާނެކަމަށް ގަބޫލުކުރާ ހައްދުފަހަނައެޅި ޔަހޫދީންނެވެ.
6 ވަނަ ފަހަރަށް އިސްރާއީލުގެ ވެރިކަމަށް ވަޑައިގަތުމަށް ނަތަންޔާހޫ ހެއްދެވި ކޯލިޝަންގައި މެދުމިނަށް ތާއީދުކުރާ ހަމައެކަނި ޕާޓީއަކަށް އޮތީ އޭނާގެ ލިކޫޑް ޕާޓީއެވެ.
މިގޮތުން ނަތަންޔާހޫ އުފެއްދެވި ކޯލިޝަން ކެބިނެޓްގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ޓެރަރިޒަމަށް ހިތްވަރުދީ، އަރަބިންނާއި ދެކޮޅަށް ނަސްލީ ފަތާތުކުރުން ގެންގުޅުމުގެ ކުށުގައި ދައުވާކުރެވި ކުށް ސާބިތުވެފައިވާ، ހައްދު ފަހަނަ އަޅާފައިވާ އިޓަމާރު ބެން ގްރިވްއެވެ. އޭނާގެ ޒިންމާއަކީ އިސްރާއީލާއި، ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަލާމަތީކަންކަން ބެލެހެއްޓުމެވެ.
ނަތަންޔާހޫގެ އާ ކޯލިޝަނުން ބުނެފައިވާ ގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދީތައް ފުޅާކުރުން ވެގެންދާނީ އެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ސިޔާސަތު ކަމުގައެވެ. މިއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ދެކޮޅަށް އެގައުމުން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.
ނަތަންޔާހޫ 6 ވަނަ ފަހަރަށް އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވިއިރު، ކޮރަޕްޝަންގެ ތުހުމަތުމަތުގައި އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލިފައެވެ. އަދި އޭނާ ބޮޑުވަޒީރުކަމުގެ ހުވާކުރިއިރު، އޭނާ ބޮޑުވަޒީރުކަމަށް ވަޑައިގަތުމާއި ދެކޮޅަށް 2،000 ވަރަކަށް މީހުން ދިޔައީ އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ ބޭރުގައި މުޒާހިރާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ