ފިލްމެއްގައި އުޅޭ ދެ ލީޑު އެކްޓަރުންގެ ދެމެދުގައި ކެމިސްޓްރީ ނެތް ނަމަ، ބޮކްސް އޮފީހުގައި ވިޔަފާރީގެ ގޮތުން ކާމިޔާބު ވިޔަސް ފިލްމަކީ ބެލުން ތެރިންގެ މެދުގައި، ހިތްތަކުން ނުފިލާ ވަރުގެ ފިލްމަކަށް ނުވެއެވެ.
އެގޮތުން ކުރީގެ ލެޖެންޑަރީ ގިނަ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައީވެސް ތަރިންގެ އޮންސްކްރީން ކެމިސްޓްރީއަށް ބަލާފައެވެ. ކާޖަލް އާއީ ސާހްރުކް ޚާން ގެ "ޑީޑީއެލްޖޭ" މިހާ ދުވަސްވީރު މީހުންގެ ހިތްތަކުން ނުފިލާ އޮތް މައިގަނޑު ސަބަބަކީ ވެސް އެދެމީހުން ދެއްކި މޮޅު އެކްޓިންގް އާއި އެއްވަރަކަށް ދެމީހުންގެ ކެމިސްޓްރީ އެވެ.

ފަހުން މިފަދަ ކެމިސްޓްރީއެއް ފެނުން މަދުވީ ނަމަވެސް، ދިގު މުއްދަތަކަށް ފަހު އަނެއްކާވެސް އާންމުނަށް ކަމުދާ އޮން ސްކްރީން ޖޯޑު ތަކެއް މި ފަހަކަށްއައިސް ފެނިގެން އެބަދެއެވެ.
އެގޮތުން ފާހަގަ ކޮށްލެވޭ އެއް ޖޯޑަކީ އާލިޔާ ބަޓާއި ރަންބީރު ކަޕޫރެވެ. މި ދެމީހުންނަކީ އަސްލު ދިރިއުޅުމުގައިވެސް ޖޯޑެކެވެ. އަދި ބެލުންތެރިން ތިބީ މި ދެމީހުންގެ ކެމިސްޓްރީ " ބްރަހްމަސްތުރާ" އިން ބަލާލުމަށް ކެތްމަދުވެފައެވެ. މި ފިލްމު ޑިސެމްބަރ 4 ގައި ނެރުމަށް ހަމަޖެހިފައި އޮތް ނަމަވެސް ފައިނަލް ތާރީހެއް އަދި އެނގޭނީ ކޯވިޑްގެ ހާލަތަށް ބެލުމަށް ފަހުއެވެ. ސަބަބަކީ ފިލްމުގެ ޕްރޮޑިއުސަރ ކަރަން ޖޯހަރް މިފިލްމު އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން ދެކޮޅު ހަދާތީ އެވެ.

ދެން މި އޮތީ ވެސް އަންނަ މަހު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވޭ ޖޯޑެކެވެ. ވަރުން ދަވަން އާއި ސާރާ އަލީ ޚާންގެ ޖޯޑު، ގުޅޭ މިންވަރު އަންނަ މަހު 25 ގައި އެނގިގެން ދާނެއެވެ. ގިނަބަޔަކު ސުވާލު އުފައްދަނީ ދަނީ 1995 ވަނަ އަހަރު ފެނުނު ގޯވިންދާ އާއި ކަރިޝްމާގެ ކެމިސްޓްރީ، ވަރުން އާއި ސާރާއަށް ދެއްކޭނެތޯ އެވެ. 1995 ވަނަ އަހަރު ޑޭވިޑް ދަވަން ޑައިރެކްޓު ކޮށް ނެރުނު "ކޫލީ ނަމްބަރ 1″ ގެ ރީމޭކަށް ޑޭވިޑް އިހްތިޔާރު ކޮށްފައި މިވަނީ އޭނާގެ ދަރިފުޅު ވަރުން އެވެ. ވަރުން އާއި ސާރާގެ އޮންސްކްރީން ކެމިސްޓްރީ ބަލާލަން ވެސް ކުޑަ އިންތިޒާރެއް ކޮށްލަން އެބަޖެހެއެވެ. އަންނަ މަހުގެ 25 ގައި އެމޭޒަން ޕަރައިމް ގައި ފިލްމު ރިލީޒްކުރާއިރު ކަނޑައެޅޭ ބައެއް ސިނަމާތަކުގައި ފިލްމު ދެއްކޭނެ ގޮތް ވޭތޯ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ވާނީ ކަޕޫރާއި އަޔުޝްމަންގެ ޖޯޑަކީވެސް މި ކަމުގައި ފާހަގަ ކޮށްލެވޭ ޖޯޑެކެވެ. އަދި އެދެމީހުންގެ ކުރިއަށް އޮތް ފިލްމުގައި އެދެމީހުންގެ ކެމިސްޓްރީ ދެއްކުމަށް ފިލްމުގެ ޑައިރެކްޓަރ އަބީޝޭކް ކަޕޫރު ހުރީ ތައްޔާތަށެވެ. " ޗަންދީގަރް ކަރޭ އާޝިޤީ" ގެނަމުގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ނަމަވެސް ފިލްމަށް އަސްލު ކިޔާނީ މިނަން ކަމެއް ޔަގީނެއް ނުވެއެވެ. މި ފިލްމުގައި އަޔުޝްމަން ފެނިގެންދާނީ އޭނާ މީގެ ކުރިން ކުޅެފައި ވާ ރޯލުތަކާ ވަރަށް ތަފާތު ގޮތަކަށެވެ. އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް މި ފިލްމު ގެނައުަމަށް މަަސައްކަތް ކުރި ނަމަވެސް ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނެތެވެ.

ކޮމެންޓު ފޮނުވާ