ދެ މީހުން ފިޔަވާ މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

ދެ މީހުން ފިޔަވާ މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2022 11:10
0

ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިިފިއެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފައެވެ. އެގޮތުން ރޭގެ އެއްވުން ފަށާފައި ވަނީ މާފަންނު ގަޑިބުރު ކައިރިންނެވެ. އެކަމަކު، މުޒާހަރާ ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެސްއޯ ފުލުހުން ނުކުމެ، 11 މީހަކު ހައްޔަރުކުރިއެވެ.

އޭގެ ތެރޭގައި މާވަށު ދާއިރާގެ މެެމްބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ސައީދާއެކު ގިނަ ބަޔަކު ދޫކޮށްލިއެވެ. ފުލުހުން ބުނީ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ އެންމެ ދެ މީހުން ކަމަށެވެ.

ރޭގެ މުޒާހަރާގައި އިދިކޮޅު އިއްތިހާދުގައި އިސްކޮށް ތިއްބަވާ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ހިމެނެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ހުކުމް ކުރީ އާދިއްތަ ދުވަހުގެ އިރުއޮއްސުމަށް ގާތްވެފައި އޮއްވައެވެ. އެއާއެކު ގިނަ އިރުތަކެއް ނުވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.