ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރަން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވި ވަޒީރުން އެމްޑީޕީ ޕްރައިމަރީއާއި ގުޅޭ ކޮމިޓީ ނެގުމަށް ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ދެއްކެވި ވާހަކަފުޅަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު ރައްދު ދެއްވައިފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން ފޮޓޯއާއެކު ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު މަރާލަން ބޮން ގޮއްވާލުމުން އެކަން ކުށްވެރިކުރަން ބޭއްވި ގައުމީ މަޖިލިސް އެންމެ ޖަލްސާއަކަށް އާދޭސް ދެންނެވުމުންވެސް ވަޑައިނުގަތް ބައެއް “ޢިއްޒަތްތެރި ވަޒީރުން" ރިޔާސީ ޕްރައިމަރީއާބެހޭ ކޮމިޓީ “އޮޅާލަންވީމާ" ބައިވެރިވެވަޑައިގެންނެވިކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ މިނިސްޓަރ އަސްލަމާއި، މިނިސްޓަރ ނަސީމް އަދި މިނިސްޓަރ ޝައުނާ، ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތުގެ ދިގު ދަތުރުގައި ވެދެއްވި އެހީތެރިކަމާއި ގާތަށްވެސް އަދި އެހީތެރިކަމެއް ނުވެވޭނެކަމަށެވެ. މޫކޭ ވަނީ ފިތުނަ ނުކޮށްވެސް މިކަން ވާނެ ނޫންތޯ ވައްޑެއާއި ސުވާލުކުރައްވާފައެވެ.
ވައްޑޭ އަކަށް މިނިސްޓަރ @KerafaNaseem އާއި @AslamAslamtey އަދި @anuahsa ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތުގެ ދިގު ދަތުރުގައި ވެދެއްވި އެހީތެރިކަމާއި ގާތަށްވެސް އަދި އެހީތެރިކަމެއް ނުވެވޭނެ. ތި ވަރަށް ފިތުނަ ނުކޮށްވެސް މިކަން ވާނެ ނޫންތޯ. https://t.co/LcubcaLI1x
— Moosa Ali Manik 🇲🇻 (@VMookey) December 26, 2022
ރޭ 8:45 ގައި ތާޖުއްދީން ސްކޫލްގައި ބޭއްވިގެންދިޔަ ގައުމީ މަޖިލިސް ޖަލްސާގައި އެޖެންޑާ ކުރެވިފައި އޮތީ ރިޔާސަތުން ދޭންޖެހޭ މައުލޫމާތު ދިނުމާއި އޭގެ އިތުރުން ރިޔާސީ ޕްރައިމަރީގެ ކަންކަން ބަލަހައްޓާނެ 5 މެމްބަރުންގެ ކޮމިޓީއެއް އަޔަން ކުރުމެވެ.
މި ޖަލްސާގައި 5 މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ކުރެވުނު ބަހުސްގައި ނަޝީދު ފެކްޝަނުން ހުށަހެޅި 5 މެމްބަރުންގެ ކޮމިޓީ ދެފެކްޝަނަށް ހަމަހަމަ ވާގޮތަށް ނެގުމަށެވެ. އެއީ ރައީސް ސާލިހުގެ ފެކްޝަންގެ ދެ މެމްބަރަކާއި، ނަޝީދު ފެކްޝަންގެ ދެމެމްބަރުން ކޮމިޓީގައި ހިމެނުމުގެ އިތުރުން 5 ވަނަ މެމްބަރު ދެފަރާތުން ރުހޭ މެމްބަރަކަށް ހެދުމަށެވެ.
އެހެންނަމަވެސް ނަޝީދު ފެކްޝަންގެ މިހުށަހެޅުމާމެދު ނުރުހުން ފާޅުކޮށް، ރައީސް ސާލިހު ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މިއީ އެޕާޓީގެ އަސާސީ ގަވާއިދު ތަންދޭ އުސޫލެއް ނޫންކަމުގައެވެ. އަދި އޭގެ ބަދަލުގައި ރައީސް ސާލިހު ފެކްޝަނުން މި ބައްދަލުވުމަށް ހުށަހެޅުއްވީ ރައީސް ސާލިހަށް ތާއީދުކުރާ 5 މެމްބަރެއްގެ ނަމެވެ.
އެއަށްފަހު ހުށަހެޅިގެންދިޔަ މި ނަންތަކަށް ވަކިވަކިން ވޯޓަށް އެކުމަށް ފެނޭތޯ ބެލުމަށް ގައުމީ މަޖިލިހަށް ހުށަހެޅުނު ހުށަހެޅުންވެސް ފާސްވެގެނެއް ނުދިޔައެވެ. އެހެންނަމަވެސް، މި 5 ނަމަށް ވޯޓަށް އަހާ މިނަންތައް ފާސް ކުރުމުގެ ކުރިން ނަޝީދަށް ތާއީދުކުރާ މެމްބަރުންވަނީ ޖަލްސާ ދޫކޮށް ގޮސްފައެވެ.
އަދި ދެފެކްޝަނުގެ މެދުގައި ދަނީ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ