ވެސްޓެހޭމް ބަލިކޮށް އާސެނަލަށް ހަތް ޕޮއިންޓުގެ ލީޑެއް

ވެސްޓެހޭމް ބަލިކޮށް އާސެނަލަށް ހަތް ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް އާސެނަލުން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ބުކާޔޯ ސަކާ ޖެހި ގޯލެއް ވަނީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި އޮފްސައިޑް ކަމަށް ނިންމައިފައެވެ. އާސެނަލުން ކުޅެމުން ދަނިކޮށް، ވެސްޓް ހޭމް އިން ވަނީ މެޗުގެ 27 ވަނަ މިނިޓްގައި ސައީދު ބެންރާމާގެ ގޯލުން ލީޑުނަގައިފައެވެ. މިއީ ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން އަށް އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލަށް ޕެނަލްޓީއެއް ދޭން ވެސް ރެފްރީ މައިކަލް އޮލިވާ ދެއްކި އެވެ. އެކަމަކު، ވީއޭއާރް އިން ބެލިއިރު، ބޯޅަ ޖެހުނީ ވެސްޓް ހޭމްގެ ޑިފެންޑަރު އާރޮން ކްރެސްވެލް ބޮލުގައި ޖެހުމަށް ކަމަށް ވުމުން ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފައެވެ.

އާސެނަލުން ދެ ވަނަ ހާފަށް ކުޅެން ނުކުމެ، ތަފާތު ރޫހެއްގައި ކުޅެލި އެވެ. އެ ޓީމުން ވަނީ ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓް ތެރޭ ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އާސެނަލަށް މެޗުގެ 53 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ސަކާ އެވެ. އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ޖެހި ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ސަކާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަމަށް ވައްދާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، އޭރިއާތެރެއިން އާސެނަލްގެ ގަބްރިއެލް މާޓިނެލީ ވަނީ ހަނި އޭންގަލުން ގޯލެއް ޖަހައި، އާސެނަލަށް ލީޑުނަގައިދީފަ އެވެ.

މެޗުގައި އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ 69 ވަނަ މިނިޓްގައި އެޑީ އެންކެޓިއޭ އެވެ. އާސެނަލްގެ އެއް ވަނަ ފޯވާޑް، ގަބްރިއެލް ޖީސޫސް އަނިޔާގައި ހުރުމުން އެންކެޓިއޭ އަށް ފުރަތަމަ އެގާރައިން ފުރުސަތު ޔަގީންވެފައިވާއިރު، އޭނާ މިރޭ ޖެހީ މޮޅު ގޯލެކެވެ. އޮޑެގާޑް ދިން ބޯޅަ ފޮނުވާލަން ޖާގަ ހޯދުމަށް ފަހު، އެންކެޓިއޭ ވަނީ ތިރިތިރިން ގޯލުގެ ދުުރު ކަނަށް ފޮނުވާލައިފައެވެ. މިއީ އާސެނަލުން ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުގައި މޮޅުވެފައެވެ.

ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 15 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ މިރޭ ލެސްޓާ ސިޓީ ދަނޑުގައި 3-0 އިން މޮޅުވެ، 16 މެޗުން 33 ޕޮއިންޓް ހަމަކޮށްފައިވާ ނިއުކާސަލް ޔުނައިޓެޑްއެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އޮތީ 15 މެޗުން 32 ޕޮއިންޓާ އެކުއެވެ. ސިޓީން ބުދަ ދުވަހުގެރޭ ރަށުންބޭރުގައި ލީޑްސް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް އަލުން ދެ ވަނަ އަށް އެރޭނެއެވެ. ބްރެންޓްފޯޑުން ފުރަތަމަ ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ޓޮޓެންހަމުން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހާފައި. މެޗުން މޮޅުވާން ދެ ޓީމަށް ވެސް ފުރުސަތު ލިބުނުއިރު، ފުއްދާލަން ޖެހުނީ ޕޮއިންޓަކުން.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *