ގަތަރުގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ޓީމުން ވިދާލި ޒުވާން ފޯވާޑް، ކޯޑީ ގަކްޕޯ، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވިއްކާލަން އޭނާ ކުޅެމުން އަންނަ ކްލަބް، ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ނެދަލެންޑްސްގެ ހަތަރު އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅުނު ގަކްޕޯ، ސީނިއާ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. މި ސީޒަނުގައި މިހާތަނަށް ގަކްޕޯ ހުރީ ރަނގަޅު ފޯމެއްގައެވެ. އޭނާ ވަނީ ވޯލްޑް ކަޕާއި ކްލަބް މެޗުތައް ހިމެނޭ ގޮތަށް މި ސީޒަނުގައި 34 މެޗުން 18 ލަނޑު ޖަހައި، 18 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.
ގަކްޕޯ، 23، ގަންނަން ލިވަޕޫލުން ޖުމްލަ އެކު، ކުރާ ހަރަދު 50 މިލިއަން ޑޮލަރަށް އަރާނެ ކަަމަށް ރިޕޯޓްތައް ބުނެއެވެ. ޕީއެސްވީން ބުނީ ގަކްޕޯ ވިއްކާލާ ސީދާ އަގެއް މީޑިއާގައި މި ވަގުތު ހާމަކުރެވެން ނެތް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިވަޕޫލާ އެކު އެއްބަސްވެވުނު ގޮތަށް ޑީލް ހިނގާނެ ކަމަށެވެ.
ޕީއެސްވީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ގަކްޕޯ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް ޓީމަށް ތިން ގޯލު ޖަހައިދީ އެ ޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގަކްޕޯ، އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބެމުން އަންނަ ކަމަށް ޕީއެސްވީގެ ކޯޗު، ވެން ނިސްޓަލްރޫއީ ވެސް ވަނީ ބުނެފަ އެވެ.
ގަކްޕޯ އަށް އެންމެ ބޮޑަށް ފާރަލަމުން އައި ކްލަބަކީ ނިސްޓަލްރޫއީގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑް އެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގަކްޕޯގެ ޑީލާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ވެސް ދީފަ އެވެ. ގަކްޕޯގެ ޓްރާންސްފާއާ ގުޅޭ ގޮތުން ޓެން ހާގާ ސުވާލުތައް އަމާޒުވާން ފެށީ މި ސީޒަން ފެއްޓުމުގެ ކުރިން ޔުނައިޓެޑުން ގަކްޕޯ ގަންނަން ޕީއެސްވީއާ މަޝްވަރާ ކޮށްފައިވާތީ އެވެ. ޔުނައިޓެޑުން އޭރު މަޝްވަރާ ކުރީ 30 މިލިއަން ޑޮލަރުގެ ޑީލެއްގައި ގަކްޕޯގެ ސޮއި ހޯދުމަށެވެ.
ލިވަޕޫލުން ގަކްޕޯގެ ޑީލް އަވަހަށް ނިންމަން ޖެހުނީ އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި އެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި، ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް، ލުއިޒް ޑިއާޒާއި މަސްގަނޑަށް އަނިޔާވެގެން މި ވަގުތު ފަރުވާ ހޯދަމުން އަންނަ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ އަށް ކުޅުމަށް އާދެވޭނީ މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު ކަމަށްވާތީ އެވެ.
މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ލިވަޕޫލްގެ ބްރެޒިލް ފޯވާޑް، ރޮބާޓޯ ފިރްމީނޯ ވެސް މި ވަގުތު ހުރީ އަނިޔާއެއްގައެވެެ. ލިވަޕޫލުން ގަކްޕޯގެ ޑީލް ނިންމުމާ އެކު ފިރްމީނޯގެ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ފެންނަނީ ކުޑަކޮށެވެ.
ކޮމެންޓު ފޮނުވާ