ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ 20 ގަޑިއިރު ފަހުން އެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ދިފާއީ ވަކީލުންނަށް މިއަދު ދީފިއެވެ.
ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ ޝިޔާޒް ވިދާޅުވީ "ހަމަދެންމެ ރިޕޯޓް ލިބިއްޖެ." ކަމަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައި އޮންނަނީ ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއްގައި ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގެ ހުކުމަށް ވާސިލުވި ސަބަބާއި ހުކުމް ހިމެނޭގޮށް ތައްޔާރުކޮށްފައިވާ "ޝަރީއަތް ނިމުނު ގޮތް" (ޖަޖްމެންޓް) ގެ އަސްލެއް އެ މައްސަލަ ބެލި ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ސޮޔާއެކު، އެމައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ހަވާލު ކުރަން ވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން އަމަލުކުރާ އުސޫލަކީ ވެސް މައްސަލައިގެ ޝަރީއަތް ނިމުމާއިއެކު "ޝަރީއަތް ނިމުނު ގޮތް" މައްސަލައިގައި ހިމެނޭ ފަރާތްތަކާއި ހަވާލު ކުރުމެވެ. ނަމަވެސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ދޫނުކޮށް "ހުކުމް އޮތީ ހިފަހައްޓާފައެވެ." ހުކުމް ވަކީލުންނާއި ހަވާލު ކުރުން ލަސްކުރި ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނެއެވެ.
ހަމަ ދެންމެ ރިޕޯރޓް ލިބިއްޖެ https://t.co/B77QD1WN6o
— Abdulla Siyaz (@AbdullaSiyaz) December 26, 2022
ހުކުމް ހަވާލު ކޮށްފައި ވަނީ ހުކުމް ހަވާލު ކުރުމަށް އެތައް ގަޑިއެއް ކްރިމިނަލް ކޯޓުން ދިނުމަށް ފަހު މިއަދު މެންދުރުފަހު 14:30 ކަންހާއިރުއެވެ. ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ ޝިޔާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޙުކުމްގެ ކޮޕީ ލިބޭނެ ކަމަށް ފުރަތަމަ ބުނީ ޝަރީއަތް ނިމުމާ އެކު ކަމަށެވެ. ޙުކުމް ކޮށް ނިމުނީމާ ބުނީ ކުޑައިރުކޮޅެއް ތެރޭ ލިބޭނެކަމަށް ކަމަށާއި އިރުކޮޅެއް 30 މިނެޓަށްވުރެ ދިގުވެގެން ދިޔައީމަ ސުވާލުކުރީމާ ބުނީ އަދި ގަޑިއެއްހާ އިރު ވާނެ ކަމަށް ކަމަށެވެ.
މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހު، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވީ 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށް ލުމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.
ޕީޕީއެމުން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައެވެ. ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮވެއެވެ. އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް މި ވަގުތަށް ވަނީ ފުރުސަތު ބަންދުވެފައެވެ.