ކުރިއެރުމާއި ކާމިޔާބު ހޯދުމަށް އޮތް އެންމެ މުހިންމު ކަމަކީ އެއްބައިވަންތަކަން ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ،
މިއަދު ފާހަގަ ކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސް ފާހަގަ މި ކުރަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ހިތާމަވެރި އަދި ބިރުވެރި އެއް ހާދިސާ ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ. އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެއްކަމަށް މިހާދިސާ ހިނގާދިޔައިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
އެގޮތުން "ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް" ފާހަގަކުރަނީ، އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ލިބުނު ބޮޑެތޮ ގެއްލުންތަކާއި، ޤައުމަށް ލިބުނު ނިކަމެތިކަމުގެ ކުރިމަތީގައިވެސް ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މިފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަން ޖެހޭ. އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަން. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. ހަމަ އެގޮތުން، އެއްބައިވަންތަ ކަމަކީދަތި އުދަގޫ ވަގުތުތަކަށް އެކަނި ޚާއްޞަ ސިފައެއް ނޫންކަންވެސް ހަނދާން ކުރަން ޖެހޭ.
– އެމްއާރުއެމްއިން ބުނެފައިވެއެވެ.
މީގެ 18 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ކާރިސާ އަކީ މާތް ރަސްކަލާންގެ އަޅުގަނޑުމެންނަށް ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެއްކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އެ އިމްތިޙާނުން ޙާޞިލްވި އެންމެ މަތިވެރި ޢިބުރަތަކީ ޤައުމީ އެއްބައިވަންތަކަމުގެ މުހިންމު ކަމާއި އަދި ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައާ އެހެން ހުރިހާ ވަގުތެއްގައިވެސް ސިޔާސީ ފިކުރުތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ކަމުގައެވެ.
ސުނާމީ ކާރިސާއަކީ އަވަށްޓެރި ޤައުމުތަކާއި ރަޚްމަތްތެރި ޤައުމުތަކާއިއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރަށް ވީއިރު، ސިޔާސީ ދަހިވެތިކަމުގައި ބޭރު ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ ޢަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ.
އަދި ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް، ޚާއްސަކޮށް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިޙުތިރާމްކޮށް، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުޞޫލުތަކުގެ ތެރެއިން، އަޚުވަންތަކަމާއި އޯގާތެރިކަމާއިއެކު އެ މީހުންނާއިމެދު ޢަމަލުތައް ބެހެއްޓުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދު އަޅުގަނޑުމެން އެންމެން ސަމާލްވެ ތިބެންޖެހޭ އެއްކަމަކީ، ސިޔާސީ ކަންކަމާމެދު އުފެދޭ ޚިޔާލުތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ ބައިބައިވުން. މާތްރަސްކަލާނގެ ހެޔޮ ރަޙްމަތްފުޅުން ދިވެހީންނަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލީގައި ތިބި އެއްބައެއްވަންތަ ބައެއް. މިކަމުގެ ފުރިހަމަ ފައިދާ ލިބިގަތުމަށްޓަކާ އަޅުގަނޑުމެންގެ މެދުގައި އުފެދޭ ބައިބައި ވުންތައް ނައްތާލަން ޖެހޭ. ސިޔާސީ ޚިޔާލު ތަފާތުވުންތައްވެސް ބަހައްޓަން ޖެހެނީ ވަކި އިމެއްގެ ތެރޭގައިކަން ޤަބޫލު ކުރަން ޖެހޭ. އަދި ސިޔާސީ ލީޑަރުންވެސް، އަމިއްލަ ކުރިއެރުމަށްޓަކާ، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ، ބައިބައިވުން އިތުރު ކުރުންވެސް ހުއްޓާލަން ޖެހޭ. ޤައުމަށް ހެޔޮއެދޭ މީހަކު ރައްޔިތުން ބައިބައި ކުރަން މަސައްކަތެއް ނުކުރާނެކަން ޔަޤީން.
– އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
ސުނާމީގެ ކާރިސާގައި މިދުނިޔެ ދޫކުރި ދިވެހީންނާއި ގެއްލުނު ދިވެހީންގެ ޖުމްލަ އަދަދު 108 އަށް އަރައެވެ. އެދުވަހު އެ ހިތާމަވެރި ކާރިސާ ގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ރަސްކަލާންގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި މި ފުރުޞަތުގައި އެ ލޮބުވެތި އަޚުންނާއި އުޚުތުންގެ އާއިލާތަކަށް މިއަދުވެސް ނުހަނު އިޚްލާޞްތެރިކަމާއެކު އެމްއާރުއެމްއިން ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ