ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުލަތުން ކުރި ޚިޔާނާތުގެ 2 ދަޢުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން އިއްޔެ ކުރި ޙުކުމާމެދު ހިތްހަމަ ނުޖެހިގެން އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާ ރޫޅާލައި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.
މާލޭގެ އެކި ސަރަޙައްދުތަކާއި އައްޑޫ ސިޓީގައި ރޭ ޕީޕީއެމް/ޕީއެންސީ އަށް ތާޢީދުކުރާ މީހުންނާއި ރައީސް ޔާމީނުގެ ސަޕޯޓަރުންވަނީ އެއްވެ މުޒާހަރާކޮށްފައެވެ. އެގޮތުން މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅުނު ކަންމައްޗާއި އެނޫންވެސް ބޮޑެތި ބައެއް މަގުތަކާއި ސަރުކާރުގެ ބައެއް ވަޒީރުން ދިރިއުޅުއްވާ ގޭގޭދޮށުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް އަޑުއުފުލާފައިވެއެވެ.
މުޒާހަރާތައް ފެށުމާއެކު ފުލުހުންވަނީ ނުކުމެ މުޒާހަރާ ރޫޅާލާނެކަމުގެ އިންޒާރުދީ، މީހުން ހައްޔަރުކުރަން މަސައްކަތް ފަށާފައެވެ. އަދި މާގިނަ އިރުތަކެއްނުވެ ހަތިޔާރާއެކު އަސްކަރީ ސިފައިންވެސް ނެރެފައިވެއެވެ. ސިފައިންގެ އެހީތެރިކަމާއެކު މުޒާހަރާ ރޫޅާލައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
މުޒާހަރާ ތެރެއިން ހައްޔަރުކުރި މީހުންގެ ސީދާ ޢަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް 14 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އިދިކޮޅު ތަރުޖަމާން ހީނާ ވަލީދުވަނީ 14 މީހުން ހައްޔަރުކުރިކަން ޔަޤީންކޮށްދެއްވާފައެވެ.
Raees Yameen ah kuri Haraan Hukumaa dhekolhah adu ufulan nikuthumun hayyaru kuri emmen dhookollaa! #FreePresidentYameen pic.twitter.com/HkxpmMw9Bp
— Progressive Party of Maldives (@ProgressPartyMV) December 25, 2022
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުލަތުން ކުރި ޚިޔާނާތުގެ 2 ދަޢުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން އިއްޔެ ކުރިމިނަލ ކޯޓުން ހުކުމް ކުރުމާގުޅިގެން، ހުކުމް ތަންފީޒުކުރުމަށް ރޭވަނީ މާފުށި ޖަލަށް ގެންގޮސްފައެވެ.
ޔާމިނުގެ މައްޗަށް ސާބިތުވި ޚިޔާނާތާއި މަނީ ލޯންޑަރ ކުރުމުގެ ކުށުގައި، ދެ ހުކުމެއް ކޮށްފައި ވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ދައުވާއެވެ. ފުރަތަމަ ދައުވާގައި ކުށް ސާބިތު ވުމާއި ގުޅިގެން ކުރިމިނަލް ކޯޓުން ހުކުމް ކުރީ ޔާމިން 4 އަހަރަށް ޖަލަށް ލާށެވެ. މިހުކުމް އިއްވާފައިވަނީ އަސާސީ މިންގަޑަށްވުރެ އެއްދަރަޖަ މަތިކޮށްފައެވެ. އެއް ދަރަޖަ މަތިކުރި ސަބަބައެއް ކަމުގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވެފައިވަނީ، ރައީސް ޔާމިންއަކީ ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ޒިންމާދާރު މަގާމެއްގައި ހުރި މީހަކަށް ވުމެވެ.
ދެވަނަ ދައުވާ ސާބިތުވެ، ކުރިމިނަލް ކޯޓުން ޔާމިންގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އޭގެ އިތުރުން 5 މިލިއަން ޑޮލަރުން ޖޫރިމާނާކޮށް، އެފައިސާ ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ކުރިމިނަލް ކޯޓުން ޔާމިންގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ