ރާއްޖޭގައި ހުންނަ އެކި ޤައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ ޑިޕްލޮމެޓުން އެއްވެސް ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައިފިއެވެ.
ސަރުކާރުން މިހެން ބުނެފައި މިވަނީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ގޮވާލާފައިވާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ މިއިންޒާރުދިން މައްސަލަ ސަރުކާރުން ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކުން ނަގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
އަދި މިފަދަ އިންޒާރުތައް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ޑިޕްލޮމެޓުން ނުރައްކަލަކަށް ހުށަހަޅައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަންވެސްވަނީ އަރުވާފައެވެ.
އައްބާސް އާދިލް ރިޒާ، އޭނާގެ ޓްވިޓާގައި އިއްޔެ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގެ އެކި ތަންތަނުގައި ރޯކޮށްފައިވާ ފޮޓޯތަކެއް އާންމުކޮށް، އެކަމުގެ ބަދަލު އަދި ނުހިފޭ ކަމަށް ބުނެފައެވެ. އޭރު އައްޑޫގައި ހުޅު ޖެހީ އިންޑިއާގެ އޯޑަރަކަށް ކަމަށް ބުނެ އޭނާ ވަނީ އެ ބަދަލު ހިފުން ފެށުމުގެ ގޮތުން އިންޑިއާ އެމްބަސީން ފަށަން ކިހިނެެއްވާނެތޯ ސުވާލުކޮށްފައެވެ.
ކަސްޓަމްސް ކޮމިޝަނަރުކަމާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ވެސް ފުރުއްވާފައިވާ އައްބާސްގެ އެކައުންޓުން އެފަދަ ޓްވިޓެއް ކުރި މައްސަލައާ ގުޅިގެން އޭނާ ސުވާލުކުރުމުން ބުނެފައި ވަނީ ސޯޝަލް މީޑިއާ ބޭނުން ނުކުރާ ކަމަށެވެ. މީގެ ކުރިން ވެސް އެ އެކައުންޓުގެ ޓްވީޓްތަކުން ހަބަރުތައް ހަދާފައިވިޔަސް އެކަން އޭނާ ދޮގެއް ނުކުރެއެވެ.
އައްބާސްގެ މި މައްސަލަ ސަރުކާރުން ކުށްވެރިކޮށް، ފުލުހުން އެކަން ބަލާނެ ކަމުގެ ޔަގީންކަން އަރުވާފައިވާއިރު މި މައްސަލަ ބެލުމަށް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުން ވެސް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ