ގއ.ދާންދޫ ހިއްކި 25 ހެކްޓަރުގެ ބުމުން މަދުވެގެން 700 ގޯތި ދެވޭނެކަމަށާ، އެބިމުގައި ހައުސިންގ މަޝްރޫޢެއް ހިންގާނެކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ދާންދޫ ހިއްކި ބިން އެރަށު ކައުންސިލާ ރަސްމީކޮށް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ހިއްކި ބިމުގެ ޕްލޭން ހަދައި ކޮންމެގޮތަކަށް ކުރިއަށް ގެންދަން އެރަށު ކައުންސިލުން ނިންމިޔަސް އެބިމުގެ ބޮޑުބަޔަކީ ބޯހިޔާވަހިކަމަށް ޚާއްސަކުރާނެ ބައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހިއްކި ބިމަކީ އެބިމުން މަދުވެގެން 700 ގޯތި ދެވޭވަރުގެ ބިމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ދާންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ވަރަށްބޮޑު ޙައްލެއްލިބިު ލިބުނު ބޮޑު ހިތްހަމަޖެހުމަކަށް ވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ދާންދޫގައި ހައުސިން މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިރުޝާދު ދެއްވާފައިވާކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މި ޖަލްސާގައި މިނިސްޓަރ އަސްލަމްވަނީ ގއ.އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގއ.ގައި މިވަގުތުވެސް 17 މަޝްރޫޢެއް ހިނގަމުންދާކަމަށާ، އޭގެ ތެރެއިން 3 މަޝްރޫޢަކީ ދާންދޫގައި ހިނގާ މަޝްރޫޢުތައްކަމަސް ވިދާޅުވިއެވެ. އަދި 4 މަޝްރޫޢެއް މިވަގުތު އޮތީ ޓެންޑަރގައި ކަމަށާ، މި މަޝްރޫޢުތަކަށް 850 މިލިއަން ރުފިޔާ ޚަރަދުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ