ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ދަތު އުނދަގޫ ޙާލަތުކަމަށްވާ ކޯވިޑް-19ގެ ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢަމަލުކުރެއްވީ ދަރިންދެކެ ވަރަށްބޮޑަށް ލޯބިވާ ބައްޕަޔަކު ދަރިންނާމެދު ޢަމަލުކުރާނެ ގޮތަކަށްކަމަށް ވިދާޅުވެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފް ކުރައްވައިފިއެވެ.
ގއ.ދާންދޫ ހިއްކިބިން އެރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ރައީސްގެ ޢަމަލުފުޅުތަކަށް ވަރަށްބޮޑަށް ތައުރީފް ކުރައްވާފައެވެ.
އެގޮތުން ކޯވިޑްގެ ދަތި ޚާލަތުގައި ޤައުމުގެ ޙާލަތު މެނޭޖުކުރެއްވުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލެއްވުމަށްފަހު ކޮންމެ ދުވަހަކު ވަކިވަކިން ކަންކަން ހިނގާ ނުހިނގާގޮތް އުޅުން ފިލުއްވައި ކޮމިޓީއާ ބައްދަލުކުރައްވައި ރައީސް ޢަމަލުކުރެއްވިގޮތް ޝާހިދު ވިދާޅުވިއެވެ. ސިއްޙީ ދާއިރާގެ ޙާލަތު ހުރިގޮތާއި ބޭނުންވާ ކަންކަމާއި ޙާލަތު ބަދަލުވަމުން ދިޔަވަރަކަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ ވާހަކަ ކަމާބެހޭ ބޭބޭފުޅުންނާ ވަކިވަކިން ސުވާލުކުރައްވައިގެން ރައީސް އޮޅުިން ފިލުއްވަމުން ވަޑައިގެންނެވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ ކޯވިޑްގެ ޙާލަތުގައި ރާއްޖެ ކާބޯތަކެއްޗަށް ނުޖެހި ސަލާމަތްވީވެސް، އަދި ބޭސްފަރުވާގެ އެއްވެސްކަމެއް ދަތިނުވެ ކުރިއަށް ދިޔައީވެސް ބަޔަކު ޙާލުގައި ނުޖެހުނީވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހަރުދަނާ ސިޔާސަތާއި ޙިކުމަތްތެރި ނިންމެވުންތަކުގެ ސަބަބުންކަމަށެވެ. ކޯވިޑްގެ ޙާލަތުގައި ރާއްޖެއަށްވުރެ މާ ތަނަވަސް މާ ބޮޑެތި ޤައުމުތަކަށްވެސް ކުރިމަތިވި ހިތްދަތި ގޮތްތަކުން މިސާލު ދައްކަވަމުން ޝާހިދުވަނީ ބޭރުގެ އެކި ޤައުމުތަކުގައި އެ ޙާލަތުގައި ދިރިއުޅުނު ދިވެހިންގެ ޙާލުވެސް ބައްލަވައި ރައީސް އެޅުއްވި ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ.