ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދަފްތަރުގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބި 17،156 މީހުން ހިމެނޭ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދަފްތަރާއިމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި އިބްރޭ ވަނީ ދަފްތަރު ސާފު ކުރުމަށް ކުރެވުނު މަސައްކަތުގައި މެމްބަރުންގެ ގޮތުގައި ތިބި އެކި ޕާޓީތަކަށް ނިބަތްވާ އަދަދުތައްވެސް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މި އަހަރުގެ މޭ މަހުގައި އެމްޑީޕީގެ ގައުމީ މަޖިލިސްއަށް މެންބާޝިޕް ސާފުކުރުމުގެ ގަރާރު ހުށައެޅުމުގެ ކުރިން ގައުމީ މަޖިލިސް މެންބަރުންނަށް އޭނާ ލިޔުމެއް ހިއްސާކޮށްފައިވާނެ ކަމަށެވެ.
އަދި މެންބަރ ޝިޕް ސައްހަ ކުރުމަށް ތިން މަސް ދެވުނު ކަމަށާއި އެމްޑީޕީގެ 39،000 މީހުންގެ ތެރޭގައި އީސީގައި އެހެން ޕާޓީތަކުގެ ރަޖިސްޓަރީގައި އޮތް 17،156 މީހުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީ 29 މޭ 2022 ގެ ޤައުމީ މަޖިލިސް އަށް މެންބަރޝިޕް ސާފުކުރުމުގެ ގަރާރު ހުށައެޅުމުގެ ކުރިން ޤައުމީ މަޖިލިސް މެންބަރުންނަށް އަޅުގަނޑު ހިއްސާކުރި ލިޔުމެއް. މެންބަރޝިޕް ސައްހަ ކުރުމަށް 3 މަސް ދެވުނު. 39،000 މީހުންގެ ތެރޭގައި އީސީގަ އެހެންޕާޓިތަކުގެ ރަޖިސްޓަރީގައި އޮތް 17،156 މީހުނާތިބި.
– އިބުރޭ ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީގެ ވެބްސައިޓްގައިވާ ލިސްޓްގައި އީސީގެ ދަފްތަރުގައި އަދާލަތު ޕާޓީގެ މެންަަރުންގެ ގޮތުގައި ހިމެނޭ 1211، ޑީއާރްޕީ 389، ޖޭޕީ 3788، އެމްޑީއޭ 1761، އެމްއެސްއެލްޑީޕީ 875، އެމްއާރްއެމް 1029، އެމްޓީޑީ 1048، ޕީއެންސީ 698، ޕީޕީއެމް 6357، އަދިި އީސީގެ ދަފްތަރުގައު އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުވާ 24،033 މީހުން ހިމެނޭ ކަމަށް އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ އެހެން ޕާޓީ ތަކާއި އަމިއްލަ ގޮތުން އެމްޑީޕީ ކެންޑިޑޭޓުންނާ ވާފަކޮށް އިންތިހާބުވެފައިވާ 124 ކަންސިލަރުންނާ 101 ޑަބްލިޔު ޑީ ސީ މެންބަރުން ތިބި ކަމަށެވެ. އަދި އަސާސީ ގަވާއިދު ބުނާގޮތުން މި މީހުންގެ މެންބަރޝިްޕް ސައްހަ އެއް ނުވާނެ، އަދި ނިޔާވެފައިވާ 800 އަށް ވުރެ ގިނަ މީހުންގެ ނަންވެސް އޮތް ކަމަށް އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ދަފްތަރުގެ މައްސަލަ ފެންމަތިވެފައި މި ވަނީ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެމްބަރުން އެންގުމަކާއިނުލައި ކުއްލިއަކަށް އުނިކުރުމުންނެވެ. އަދި މި މައްސަލަ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް ހުށަހެޅުމުންނެވެ.
މިކަމާއި ގުޅިގެން އެމްޑީޕީން ބުނީ ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަށް އެމްޑީޕީން އިސްކަންދޭ ކަމަށެވެ.