ދެވަނަ ބޮޑު ހަނގުރާމާގައި ނާޒީ ކޮންސެންޓްރޭޝަން ކޭމްޕްގައި މަސައްކަތްކުރި މީހަކަށް 97 އަހަރުގައި ހުކުމް ކޮށްފި

ދެވަނަ ބޮޑު ހަނގުރާމާގައި ނާޒީ ކޮންސެންޓްރޭޝަން ކޭމްޕްގައި މަސައްކަތްކުރި މީހަކަށް 97 އަހަރުގައި ހުކުމް ކޮށްފި

ހިޓްލަރުގެ ވެރިކަމުގައި، ނާޒީން ހިންގި ކޮންސެންޓްރޭޝަން ކޭމްޕްގައި އޭރު ސެކެޓްރީއެއްގެ ގޮތުގައި މަސައްކަތްކުރި، މިހާރު އުމުރުން 97 އަހަރުގެ މީހަކަށް، 10،505 މީހުން ގަތުލު ކުރުމުގައި އޭނާ ބައިވެރިވުމުގެ ކުށުގައި ޖާރަމަނީގެ ކޯޓަކުން މިއަދު ހުކުމް ކޮށްފިއެވެ.

އިރުމްގާޑް ފާޗްނަރ ނަމަކަށް މި މީހާ، ދެވަނަ ބޮޑު ހަނގުރާމާގައި ނާޒީން ހިންގި ކޮންސެންޓްރޭޝަން ކޭމްޕުގައި މަސައްކަތް ކޮށްފައިވަނީ ޓައިޕިސްޓެއްގެ ގޮތުގައެވެ.

އުތުރު ޖާރމަނީގެ ސިޓީއެއް ކަމުގައިވާ އިޒިހޯއީގައި ހުންނަ ކޯޓަކުން ފާޗްނަރ މައްޗަށް ކޮށްފައިވަނީ ދެ އަހަރުދުވަހުގެ ސަސްޕެންޑެޑް ހުކުމެކެވެ. މިއީ ޕްރޮސެކިއިޓަރުން އޭނާގެ މައްޗަށް އިއްވުމަށް އެދިފައިވާ ހުކުމްވެސްމެއެވެ.

އޭނާގެ މައްޗަށް، ކުޑަކުދިންގެ ގާނޫނުގެ ދަށުން ހުކުމް ކޮށްފައިވަނީ ކުށްކުރިއިރު އޭނާއަކީ އޭރު އެންމެ 18 އަހަރުގެ ކުޑަކުއްޖަކަށް ވާތީއެވެ.

މި ހުކުމަށްފަހު ދައުލަތުގެ ވަކީލާ މަކްސީ ވޯންޒެން ވިދާޅުވެފައިވަނީ މިއީ "ތާރީޚީ ގޮތުން ވަރަށް މުހިންމު ހުކުމެއް" ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ، މި ޖަރީމާތަކަށް މިހާރު އެތަކެއް ޒަމާންތަކެއް ފާއިތުވެގެން ގޮސްފައިވާތީ، މިހުކުމް ވެގެންދިއުން އެންމެ އެކަށީގެންވަނީ، މި ޖަރީމާތަކަށް އިންސާފު ހޯދުމަށް ކުރެވޭނެ މިބާވަތުގެ އެންމެ ފަހު ހުކުމް ކަމުގައެވެ.

ފާޗްނަރ ސްޓަރތޯފްގައި ހުރި ކޮންސެންޓްރޭޝަން ކޭމްޕްގައި މަސައްކަތް ކޮށްފައިވަނީ 1943 އާއި 1945 އާއި ދެމެދުއެވެ. އޭނާގެ މައްޗަށް ކުރެވިފައިވަނީ އެކޭންޕް އޮޕަރޭކުރަމުން ދިއުމުގައި އޭނާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ތުހުމަތެވެ.

އޭނާގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ، ކޭމްޕްގެ ކޮމާންޑެންޓް އޮފީހުގެ ޓައިޕިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށް، 1943 ވަނަ އަަހަރުގެ ޖޫން މަހާއި 1945 ވަނަ އަހަރުގެ އެޕްރިލް މަހާ ދެމެދު އެ ކޭމްޕްގައި ހައްޔަރު ކޮށްފައިތިބި މީހުން މެރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުށުގައެވެ.

އެ ކޭމްޕްގައި ހައްޔަރު ކޮށްފައިތިބި މީހުންގެ ތެރެއިން 60،000 އަށްވުރެ ގިނަމީހުންހެ ހިތަށް ވިހަ އިންޖިކްޝަން ދީގެންނާއި، ބަޑި ޖަހައިގެންނާއި އަދި ބަނޑުހައި ހޫނުކަމުގައި ބައިތިއްބައިގެން މަރާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *