ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އިތުބާރު ކުރައްވައި ދެވަނަ ދައުރެއް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އެދިވަޑައިގެންފިއެވެ.
ރޮޒޭނާ މިހެން ވިދާޅުވީ މިއަހަރަށް ރާއްޖެއިން ކަނޑައެޅި އަމާޒުކަމަށްވާ 1.6 މިލިއަންވަނަ ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. ރާއްޖެއަށް އައި 1.6 މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ރާއްޖެއަށް އައި 1.6 މިލިއަންވަނަ ފަތުރުވެރިއާއަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަންޖޭ ތޭޖަސް ކޮތަރީއެވެ.
ރޮޒޭނާ ވިދާޅުވީ ކޯވިޑާއިއެކު ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެ ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި އެންމެ ބުރަ މަސައްކަތެއް ކުރެއްވީ ރައީސް ޞާލިހު ކަމަށެވެ. ރައީސްގެ އިޤްތިޞާދީ ނިންމުންތަކާއި، ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރައީސް ޞާލިހަށް އިތުބާރުކޮށް ދެވަނަ ދައުރެއް ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ހިސާބުރަނގަޅަށް ޖައްސަވައިގެން އިގްތިސޯދު މެނޭޖް ކުރައްވަން އެނގިވަޑައިންނަވާ ރައީސްއަކީ ރައީސް ޞާލިހު ކަން ވަރަށް ސާފު. އިތުބާރު ކުރައްވާ ދެވަނަ ދައުރެއް ދެއްވާ! އަރަނި ބަޖެޓެއް ލިބި ޤައުމު ތަރައްގީވެ އަމާންކަމާ އުފާވެރިކަން ލިބޭނެ.
– ރޮޒޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ނިންމައި ރައީސް ޞާލިހު ވަނީ ރޭ ޕްރައިމަރީގައި ވާދަކުރުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން، ރައީސް ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ޤައުމީ މަޖިލީހުގެ 120 މެމްބަރުންނާއި ރޭ ބައްދަލު ކުރައްވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ 167 މެމްބަރުންގެ ތެރެއިން 120 މެމްބަރުންވަނީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ރޭގެ ބައްދަލުވުމުގައި ޤައުމީ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންވާ ފޮރިން މިނިސްޓަރ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް ޞާލިހު ވާދަކުރައްވާނެކަން ހާމަކޮށް، ކެމްޕެއިންގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުދާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއުލާން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ